ބަރަކާތްތެރި ރަމަޟާން މަސް މުސްލިމުންނާ ބައްދަލުކުރުމަށް ދެ ތިން ދުވަހަށް ވެފައިވާއިރު އިސްލާމީ އުންމަތަށް މިވަނީ މިހާރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ނުތަނަވަސްކަން ވެރިވެފަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މީހުން އެއްވެ އުޅުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ރަމަޟާން މަހު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ބާއްވާ އާއިލީ އަދި ރަހުމަތްތެރިންގެ ބައްދަލުވުންތަކާއި އިޖުތިމާޢީ ބޮޑެތި ހަރަކާތްތަކަށް މިއަހަރު މިވަނީ ކޮވިޑް-19 ގެ ސަބަބުން ހިޔަނި އެޅިފަ އެވެ.
ރަމަޟާން މަހަކީ އަޅުކަމަށް ޚާއްސަ ސަމާލުކަމެއްދޭ މަހަކަށްވާއިރު ބޮޑު ޖަމާޢަތުގައި މުސްލިމުން ކުރަމުންދާ ތަރާވީހު ނަމާދާއި ދަމުނަމާދު އަދި ރޯދަ ވީއްލުމަށް އެހެން އަހަރުތަކުގައި ބާއްވާ ބޮޑެތި އެއްވުންތައް ބޭއްވުމުގެ ފުރުސަތު މިފަހަރު އިސްލާމީ ގިނަ ގައުމުތަކުގައި ލިބިގެންނެއް ނުދާނެ އެވެ.
އިސްލާމީ ގިނަ ގައުމުތަކުގައި މިހާރު މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ވަނީ މެދު ކަނޑާލާފަ އެވެ. ބައެއް ގައުމުތަކުގައި ކާފިއު އިއުލާން ކޮށްފައި ވާއިރު އަނެއް ބައި ގައުމުތައް ވަނީ ލޮކްޑައުންގަ އެވެ. އެކަމުގެ ސަބަބުން ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތެއް މިއަދަކު ނެތެވެ.
1.8 ބިލިއަން މުސްލިމުން މިއަހަރުގެ ރަމަޟާން މަހާއި ބައްދަލުކުރަނީ މިފަދަ އެތައް ކަމަކާއެކު މާޔޫސްކަމާއެކު އެވެ. މިސްކިތްތަކުގައި ތިބެގެން ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުސަތާއި، ރޯދަ ވީއްލުމަށް މިސްކިތްތަކުގައި ހަދާލެވޭ ބޮޑެތި ޖާފަތްތަކުން އެތައް ބަޔަކު އެއްތަން ކުރުވާ މުސްލިމުންގެ އެއްބައިވަންތަކަން އިތުރުވެގެންދާއިރު އާއިލާތަކާއި އަވަށު އެންމެން އެއްތަނަކަށް އެއްވެ ބާއްވަމުންދާ ރޯދަ ވީއްލުންތައް މިއަހަރު ނުބޭއްވޭނެތީ އެކަމުގެ މޮޅިވެރިކަމުގެ މިއަދު ދުނިޔޭގެ އެތައް މުސްލިމުންނެއް އެބަތިއްބެވެ.
ޔާމިން ހާމަޚީ އަކީ އުމުރުން 67 އަހަރުގެ އަލްޖީރިއާ މީހެކެވެ. ކޮންމެ އަހަރަކުވެސް އޭނާގެ ގެއަށް އާއިލާގެ މީހުންނާއި އަވަށުގެ މީހުންނަށް ސައިބުއިމަށާއި ތަފާތު އެކިއެކި ކެއުންތަކަށް ރަމަޟާން މަހު ދައުވަތު ދެއެވެ. ނަމަވެސް އޭނާއަށް މިއަހަރު އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އޭނާގެ ގެއިން އެއްވެސް މެހެމާނަކަށް ކާއެތިކޮޅެއް ނުދެވޭނެތީ އެވެ. ހިތްދަތިކަމާއި މޮޅިވެރިކަމާއެކު އޭނާ ބުނީ "އަހަރުމެންނަށް އެމީހުންގެ ގެއަކަށް ނުދެވޭނެ. އެމީހުންނަކަށް އަހަރުމެންގެ ގެއަކަށް ނާދެވޭނެ. އެންމެ ކުޑަމިނުން އަހަރުމެންގެ މެހެމާނުންނަށްވެސް މިފަހަރު މެހެމާންދާރީ އަދާނުކުރެވޭނެ." އެވެ.
އަލްޖީރިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިސްކިތްތައްވެސް ވަނީ ބަންދުކޮށްފަ އެވެ. އެހެންކަމުން ޔާމިންގެ ފިރިމީހާ އުމުރުން 73 އަހަރުގެ މުހައްމަދު ޖެމޫދް ކަންބޮޑުވަނީ އެހެން ކަމަކާއެވެ. ރަމަޟާން މަހު މުސްލިމުން ކުރާ ސުންނަތްކަން ގަދަވެގެންވާ ތަރާވީހް ނަމާދަށް އިޝާރާތްކޮށް މުހައްމަދު ބުނީ " ރަމަޟާން މަސް ތަރާވީހް ނަމާދާނުލާ ކުރިޔަށްދާނެގޮތް ހިތަށް ގެންނަންވެސް އުނދަގޫ ކަމަށް." މިހެންނެވެ.
އުރުދުންގެ ސަރުކާރުން މިހާރު އަންނަނީ އެކުވެރި އެހެން އަރަބް މުސްލިމް ގައުމުތަކާއެކު ރަމަޟާން މަހުގެ އަޅުކަންތައް ކުރިޔަށްގެންދާނެ ގޮތަކާމެދު ފަތުވާ މަޖިލީހުން ފަތުވާއެއް ނެރުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މިހާރުވެސް އެގައުމުގެ އެތައް މިލިއަން މުސްލިމުންނަށްވަނީ މިއަހަރުގެ ރަމަޟާން މަސް ތަފާތުވާނެ ކަމުގެ އިހުސާސްވެފަ އެވެ.
އެފްރިކާއިން ފެށިގެން އޭޝިޔާގެ ސަރަހައްދުތަކުގައިވެސް މުސްލިމުންގެ ހާލަކީ މިއެވެ. އެހެން އަހަރުތަކުގައި ރަމަޟާން މަހު މުސްލިމުންނަށް ލިބިގެންދާ ހިތްހަމަޖެހުމާއި އުފާވެރިކަން މިފަހަރު ނޯންނާނެކަން އެއީ ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ކަމެކެވެ.
އެންމެ ދަތި އަހަރު
23 މިލިއަން މީހުން ދިރިއުޅެމުން އަންނަ މިސްރުގެ ވެރިރަށް ކައިރޯގެ މަގުތައް އެހެން އަހަރުތަކުގެ ރަމަޟާން މަހު ފުރާލާއިރު މިއަހަރު މަންޒަރު ވަނީ ބަދަލުވެފަ އެވެ. ކޮވިޑް-19 ގެ ބިރާއެކު މިއަހަރު މީހުން ފިހާރައަށް އަންނާކަށް ބޭނުމެއްނުވެ އެވެ. ކުރިން ރަމަޟާން މަހާއި ދިމާކޮށް ކައިރޯގެ މަގުތަކުގައި ކަދުރާއި މޭވާ އާއި އެހެނިހެން ކާބޯތަކެތިން ފުރާލާ މޭޒުތަކާއި ޒަމާނުުއްސުރެ ކައިރޯގެ މަގުތަކުގެ ފާރުތައް ދިއްލާލާ "ފަވަނީސް" ގެ ކަންކަމެއް މިއަހަރު ބޭއްވޭކަށް ނެތެވެ. ރޭގަނޑު ގަޑީގައި ކާފިއު ހިންގުމާއި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލާފައިވުމުން މިއަހަރު އެއިން އެއްވެސް ކަމެއް ނޯންނާނެ އެވެ.
މިސްރުގެ ސްޓޮކް މާރކެޓްގެ މެނޭޖަރެއް ކަމުގައިވާ އުމުރުން 59 އަހަރުގެ ނައްސެރް ސަލާހް ބުނާގޮތުން މިއަހަރު ރަމަޟާން މަސް އަންނަކަމުގެ އެއްވެސް އިހުސާސެއް ނުކުރެވެއެވެ. އެހެން އަހަރުތަކުގައި މާރުކޭޓްތަކަށް މީހުން އައިސް އެކިތަންތަނުގައި މުނިފޫހި ފިލުވުމަށް ތަފާތު އެކި ކަންކަން ކުރަމުންދާނެ އެވެ. އެހެންނަމަވެސް މިއަހަރު މިއިން އެއްވެސް ކަމެއް ރަމަޟާން މަސް ފެށުން ފާހަގަކުރުމުގެ ގޮތުން ނޯންނާނެ އެވެ.
ރަމަޟާން މަސް ފެށުމަށް އެހެން އަހަރުތަކުގައި މުސްލިމުން ކުރަމުން އައި ކަންކަން ނުކުރެވޭއިރު ރޯދައަށް ތިބެގެން މުސްލިމުން އާންމުކޮށް ކުރަމުން އައި ކަންތައްތަކަށްވެސް މިއަހަރު މިވަނީ ކޮވިޑް-19 ގެ ހިޔަނި އެޅިފަ އެވެ. ރޯދައަށް ތިބޭއިރު މުސްލިމުންނަކީ ގިނަ އަދަދަކަށް އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. ވަކިން ޚާއްސަކޮށް ރަމަޟާން މަހު އެކަމަށް މުސްލިމުންދޭ ސަމާލުކަން ބޮޑެވެ.
ރޯދަ ވީއްލުންތަކާއި ތާރާވީސްތައް ނުބޭއްވޭނެ
އަލްޖީރިއާ ގެ ރެސްޓޯރެންޓްތަކުގެ ވެރިންތިބީ އެގައުމުގައި ރޯދަ ވީއްލޭނެ ފަދައެއް ނެތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ނޭނގިފަ އެވެ. ރެސްޓޯރެންޓްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެކަން ކުރާނެ ގޮތެއް މިއަދު އެމީހުންނަކަށް ނުވިސްނެއެވެ. އަބޫދާބީގައި ތިބި މީހުންގެ ހާލަކީވެސް މިއެވެ. އެހެން އަހަރު ތަކުގައި އަބޫދާބީގައި އުޅޭ އޭޝިޔާއަށް ނިސްބަތްވާ މީހުންގެ ތެރެއިން މަދުން އާމްދަނީ ލިބޭ މީހުންނަށް އެމީހުންދޭ ރޯދަ ވީއްލުންތައް މިއަހަރު މިސްކިތްތައް ބަންދުކޮށްފައި ހުރުމުން އެކަން ކުރެވޭކަށް އެމީހުންނަކަށް ނެތެވެ.
އަބޫދާބީގައި މަސައްކަތް ކުރަމުން އަންނަ އިންޑިޔާގެ އިންޖިނޭރެއް ކަމުގައިވާ މުހައްމަދު އަސްލަމް އޭނާ ދިރިއުޅެމުން އަންނަ 3 ރޫމްގެ އެޕާޓްމަންޓް ގައި ބަންދު ވެފައިވާއިރު އޭނާގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެއެޕާޓްމަންޓްގައި އޭނާއާއެކު 14 މީހުން ދިރިއުޅޭއިރު އެތާނގައި ދިރިއުޅޭ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވުމުން އޭނާ ވަނީ ކަރަންޓީނުގަ އެވެ. އަދި އޭނާއަށް މިއަދު މަޖުބޫރު ވެފައިވަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މައްޗަށް ބަރޯސާވުމަށެވެ.
މުސްލިމުންގެ އެންމެ އާބާދީ ބޮޑު އިންޑޮނޭޝިޔާއަށް ބަލާލާއިރު އެގައުމުގައިވެސް މިއަހަރު ރަމަޟާން މަހު އާއިލާގެ މީހުންނާއި ބައްދަލުވެ ކުރިން ރަމަޟާން މަސް ހޭދަކުރި ގޮތަށް ހޭދަކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. ޕްރަބޫވޫ ބުނީ ރަމަޟާން މަސް ނިމުމަށްފަހު އަންނަ ފިތްރް އީދު އޭނާ މިފަހަރު ފާހަގަކުރާނީ އޮންލައިންކޮށް ޒޫމް މީޓިންގ އަކުންނެވެ. މިއަހަރު އޭނާގެ ގައުމަކަށް ނުދާނެ އެވެ.
"ކޮރޯނާވައިރަސްގެ ބިރުވެރިކަން ވަނީ އުފެދިފައި. ރަމަޟާން މަހު އެންމެން އެއްވެގެން ބާއްވާ ހުރިހާ އެއްވުމެއް މަތިން ވަރަށް ހަނދާންވާނެ. ރޯދަ ވީއްލުމަށް އެންމެން އެކުވާ އެކުވުމާއި، ޖަމާއަތުގައި ނަމާދުކުރުމާއި ރައްޓެހިންނާ ދިމާވެ ހީސަމާސާ ކުރުންތައްވެސް މިއަހަރު ނޯންނާނެ. ވަަރަށް ހަނދާންވާނެ އެކަންކަން މަތިން." ޕްރަބޫވް ބުންޏެވެ.
ޕްރަބޫވް ފަދަ އެފަދަ މުސްލިމުންނެއް މިއަހަރު އެމީހުން އުފަން ގައުމަށް ނުގޮސް މިހާރު ތިބި ގައުމެއްގައި ތިބުމަށް ވަނީ މަޖުބޫރުވެފަ އެވެ. އެހެން އަހަރުތަކުގައި ރަމަޟާން މަހާއި ދިމާކޮށް އާއިލާ ކައިރިއަށް ގޮސް އުފާވެރި ވަގުތުތަކެއް ހޭދަ ކުރި ނަމަވެސް މިއަހަރު އެފުރުސަތެއް ނެތެވެ. މިއަހަރުގެ ރަމަޟާން މަސް މުސްލިމުންނާއި މިބައްދަލުކުރަނީ ދުވަހަކުވެސް މުސްލިމުން ރަމަޟާން މަހާއި ބައްދަލުނުކުރާ މިންވަރަށް މާޔޫސްކަން މަތީގަ އެވެ.