ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި، ބޭނުންވާ ވަރަށް ޚަރަދު ކުރުމުގެ ގާބިލްކަން ހުންނާނީ އިނގިރޭސި ތިން ކްލަބަކަށް ކަމަށް ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ޑިރެކްޓަރު ޑެމިއެން ކޮމޮލީ ހާމަކޮށްފި އެވެ.
މިހާރު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންވެސް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައިވާއިރު، ގިނަ ކްލަބްތަކަށް ވަނީ މާލީ ގޮތުން އަސަރު ކޮށްފައެވެ. އެގޮތުން ބައެއް ކްލަބުތަކުން ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވާއިރު، ބައެއް ކްލަބުތަކުން ވަނީ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައެވެ.
ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ޑިރެކްޓަރު ހާމަ ކުރި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ކްލަބުތަކަށް މާލީ ގޮތުން ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށާއި، މިކަމުގެ ސަބަބުން އިނގިރޭސި ގިނަ ކްލަބުތައް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ނުފެންނާނެ ކަމަށެވެ. އެގޮތުން މިހާލަތުގައި ޕްރިމިއާ ލީގުން ބޭނުންވާ ވަރަށް ޚަރަދު ކުރުމުގެ ގާބިލްކަން ހުންނާނީ ލިވަޕޫލާއި، މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑްގައި އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމޮލީ ހާމަ ކުރި ގޮތުގައި މިހާރު މިއޮތް ހާލަތުން ސީޒަނުގެ ކުރިޔަށް ހުރި މެޗުތައް ކުޅޭނަމަ ކުޅޭނީ ސަޕޯޓަރުން ނުވައްދާ ކަމަށާއި، އެހެން އެކަން ވެއްޖެނަމަ ކްލަބުތަކަށް މާލީ ގޮތުން ބޮޑު ގެއްލުމެއްވާނެ ކަމަށެވެ. އަދި ގިނަ ކްލަބުތަކުން ޓިކެޓް ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ކަމަށާއި، ސަޕޯޓަރުން ނުވައްދާ ސީޒަނުގެ ކުރިޔަށް ހުރި މެޗުތައް ކުޅޭނަމަ ކްލަބުތަކަށް ފައިސާ ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.
ކޮމޮލީ އިތުރަށް ހާމަ ކުރި ގޮތުގައި ސަޕޯޓަރުން ނުވައްދާ ސީޒަނުގައި ކުރިޔަށް ހުރި މެޗުތައް ކުޅޭނަމަ ކްލަބުތަކަށް އޮންނާނެ ހަމައެކަނި ގޮތަކީ ޓީވީ ރައިޓްސް ވިއްކުން ކަމަށާއި ޓީވީ ރައިޓްސް ވިއްކައިގެން ބޮޑު އާމްދަނީއެއް ކްލަބުތަކަށް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ކްލަބުތަކަށް އޭގެ އަސަރު ކޮށްފައިވާއިރު، ކްލަބުތަކަށް މާލީ ގޮތުން ދިމާވާނެ ދަތިތަކުން އަރައިގަތުމަށް ޓީވީ ރައިޓްސްގެ ގޮތުގައި އެއް މިލިއަން ޕައުންޑްގެ އެޑްވާންސް ޕޭމެންޓްއެއް ދޭން މީގެ ކުރިން ވަނީ ނިންމާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުން މަސައްކަތް ކުރަމުން އަންނަނީ ޖޫން މަހުގެ ހަވަނަ ދުވަހު އަލުން ފުޓްބޯޅަ ސީޒަން ފެށުމަށެވެ.