ފާއިތުވި އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށް ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުން ބުދަ ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭއިން ބުނީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން ފާއިތުވި އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް ދެވެނޭ އިންތިޒާމު، ރަށުގައި ނަމަ، މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް، މިދުވަސްވަރަކީ ކޮވިޑް-19އާ ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސް ތަކަކަށްވާތީ، ހަނދު ފެނިއްޖެ ކަމަށް ހެކިބަސް ދޭން ބޭނުންވާ ނަމަ، ރަށެއްގައި ނަމަ، އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުން ޢާއްމު ކުރައްވާފައިވާ ގޮތަށް ޢަމަލުކޮށް ހެކި ބަސް ދިނުމަށް އެދޭ ކަމަށެވެ. އަދި މާލޭގައި ނަމަ، 7704777 ނަންބަރު ފޯނުން މިޑިޕާޓްމަންޓަށް ގުޅައި އެމައުލޫމާތު ހިއްސާކޮށް ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތީން މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދިނުމަށް ޑީޖޭއިން އެދިފައިވެއެވެ.
ޑީޖޭއޭއިން ބުނީ ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށެެވެ. ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށް ހެކިބަސް ނެގުމަށް، 29 ޝަޢުބާން 1441 (22 އެޕްރީލް 2020)ވާބުދަ ދުވަހުގެ ހަވީރު 06:00 ން ފެށިގެން އިރުއޮއްސި 7:30 ށް އެޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭ ކަމަށް ޑީޖޭއޭއިން ބުނެއެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލްއެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހަނދާބެހޭ މައުލޫމާތު ދިނުމަށް އެދިފައިވެއެވެ.