ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން މެދު ކަނޑާލައިފައިވާ އިނގިރޭސި ޕްރިމިއާ ލީގު ފުރިހަމަ ނުވާނަމަ، ޓީމުތައް ރެލިގޭޓް ވެގެން ނުވާނެ ކަމަށް ބްރައިޓަންގެ އޯނަރު ޓޯނީ ބްލޫމް ވިދާޅުވެއްޖެ އެވެ.
ޓޯނީ މިހެން ވިދާޅުވީ ޕްރިމިއާ ލީގުގައި ނުކުޅެ އޮތް 92 މެޗު ފުރިހަމަކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ހުކުރު ދުވަހު އިނގިރޭސި އެފްއޭ އާއި ޕްރިމިއާ ލީގުގެ ބޯޑުން ކްލަބުތަކާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމަށްފަހު އެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ބައްދަލުވުމުގައި އިނގިރޭސި ކްލަބުތަކުން ވަނީ ލީގު ފުރިހަމަ ނުކުރެއްވިއްޖެނަމަ ކަން ކުރާނެ ގޮތުގެ ޕްލޭނެއްވެސް ތައްޔާރުކުރަން ފަށާފައެވެ.
ބްރައިޓަންގެ އޯނަރު ޓޯނީ ވިދާޅުވީ މިހާރު ލީގު ތާވަލު އޮތް ގޮތުންނަމަ ކޮންމެ ކްލަބަކަށްވެސް ރެލިގޭޓް ޒޯނުން އަރައިގަތުމަށް ފުރުސަތު އެބައޮތް ކަމަށާއި، އެކަމަކު ލީގު ފުރިހަމަ ނުކުރެވޭ ހާލަތުގައި ރެލިގޭޝަން ޒޯނުގައި ހުރި ކްލަބުތައް ރެލިގޭޓްވުން ވާނީ އެ ކްލަބުތަކަށް ބޭއިންސާފުވުން ކަމަށެވެ. އަދި މި ހާލަތަކީ ދަތި ހާލަތެއް ކަމަށާއި، މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކްލަބްތަކުން ކުޅުންތެރިން ގަތުމަށް މާބޮޑު އިސްކަމެއް ދޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް ޓޯނީ ވިދާޅުވިއެވެ. ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ގިނަ ކްލަބްތައް މާލީ ގޮތުން އަޑިއަޅާލައިފައިވުން ކަމަށާއި މި ކަމުން ކުއްލިއަކަށް އަރައި ނުގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބްރައިޓަންގެ އޯނަރު ޓޯނީ މިހެން ވިދާޅުވިއިރު، ބްރައިޓަން އޮތީ ތާވަލުގެ 15 ވަނައިގައި 19 ޕޮއިންޓާއެކު އެވެ.
ލީގު ފުރިހަމަ ނުކުރެއްވިއްޖެނަމަ ކަން ކުރާނެ ގޮތުގެ ޕްލޭނެއްވެސް ތައްޔާރުކުރަން ފަށާފައިވާއިރު، ހުކުރު ދުވަހުގެ ބައްދަލުވުމުގައި ގިނަ ކްލަބުތަކުން ވަނީ 40 ދުވަސް ތެރޭ މެޗުތައް ނިންމާލުމަށްވެސް ތާއީދުކޮށްފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުން މިހާރު އަންނަނީ ސަޕޯޓަރުން ނުވައްދައި ބާކީ ހުރި މެޗުތައް ފުރިހަމަ ކުރުމަށްވެސް މަޝްވަރާ ކުރަމުންނެވެ. އަދި މި ހާލަތުގައި ލީގުގެ ހުރިހާ މެޗެއް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅެން އިނގިރޭސި އެފްއޭ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. އަދި ޖޫން މަހުގެ ހަވަނަ ދުވަހު އަލުން ފުޓްބޯޅަ ސީޒަން ފަށަންވެސް އިނގިރޭސި އެފްއޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.