ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 18:56
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގު އަލުން ފެށުން
40 ދުވަސް ތެރޭ ޕްރިމިއާ ލީގު ނިންމަން ކްލަބުތައް ތާއީދު
ޕްރިމިއާ ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި
ސަޕޯޓަރުން ނުވައްދައި ބާކީ ހުރި މެޗުތައް ފުރިހަމަ ކުރުމަށްވެސް އަންނަނީ މަޝްވަރާ ކުރަމުން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ބާކީ ނުކުޅެ ހުރި ހުރިހާ މެޗެއް 40 ދުވަސް ތެރޭ ކުޅެ ނިންމާލަން ގިނަ ކްލަބުތަކުން ތާއީދުކޮށްފި އެވެ.

ޕްރިމިއާ ލީގާއި އިނގިރޭސި އެހެން ފުޓްބޯޅަ މުބާރާތްތައް ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި ނުކުޅެ އޮތް 92 މެޗު ފުރިހަމަކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ހުކުރު ދުވަހު އިނގިރޭސި އެފްއޭ އާއި ޕްރިމިއާ ލީގުގެ ބޯޑުން ކްލަބުތަކާއެކު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ގިނަ ކްލަބުތަކުން ވަނީ 40 ދުވަސް ތެރޭ މެޗުތައް ނިންމާލުމަށް ތާއީދުކޮށްފައެވެ.

މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ ނުވަ މެޗެވެ. ދެން އޮތް ހަތަރު ޓީމަށް 10 މެޗު އެބައޮތެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ލީގުތައް ކެންސަލް ނުކުރަން ޔުއެފާއިން އަންގާފައިވާއިރު، ޕްރިމިއާ ލީގުން މިހާރު އަންނަނީ ސަޕޯޓަރުން ނުވައްދައި ބާކީ ހުރި މެޗުތައް ފުރިހަމަ ކުރުމަށްވެސް މަޝްވަރާ ކުރަމުންނެވެ. އަދި މި ހާލަތުގައި ލީގުގެ ހުރިހާ މެޗެއް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅެން އިނގިރޭސި އެފްއޭ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި ޖޫން މަހުގެ ހަވަނަ ދުވަހު އަލުން ފުޓްބޯޅަ ސީޒަން ފަށަން އިނގިރޭސި އެފްއޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ސީޒަން ނުފެށި ދިގުލައިގެންދާނަމަ ޕްރިމިއާ ލީގު ކްލަބުތަކަށް ބޮޑު ގެއްލުމެއްވާނެ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ މި ސީޒަން ނިންމާ ނުލެވިއްޖެނަމަ، ކްލަބުތަކަށް މާލީ ގޮތުން އެއް ބިލިއަން ޔޫރޯއަށް ވުރެ ބޮޑު ގެއްލުމެއްވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

- ކޮމެންޓް