ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 04:02
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް
ގެޓީ އިމޭޖަސް
ރަޝްފޯޑުގެ ހަދިޔާއެއް ސިއްހީ މުވައްޒަފަކަށް
ރަޝްފޯޑުގެ ހާއްސަ ހަދިޔާއެއް ސިއްހީ މުވައްޒަފަކަށް
ރަޝްފޯޑް ވަނީ ސިއްހީ މުވައްޒަފަކަށް ޔުނައިޓެޑް ކުޅޭ މެޗެއްގެ ދެ ޓިކެޓް ހަދިޔާކޮށްފައި

އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ނެޝަނަލް ހެލްތު ސާވިސަސްގެ މުވައްޒަފަކަށް، މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗެއްގެ ދެ ޓިކެޓް ހަދިޔާކުރަން އެޓީމުގެ ފޯވާޑް މާކަސް ރަޝްފޯޑް ނިންމައިފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ނެޝަނަލް ހެލްތު ސާވިސަސްގެ މުވައްޒަފެއް ކަމަށްވާ ޖޯޝް ހައުސް ވަނީ ރަޝްފޯޑް ޓެގް ކުރުމަށްފަހު ޓްވިޓާ މެދުވެރިކޮށް އޭނާއަށް މެސެޖެއް ފޮނުވާފައެވެ. އެގޮތުން ފުޓްބޯޅަ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށާއި، އިތުރު ވަގުތުގެ ގޮތުގައި މިހާރު ކުރާ ބުރަ މަސައްކަތުގެ ހަދިޔާއަކަށް އޭނާ އާއި އޭނާގެ އަންހެނުންނަށް، މެޗެއްގެ ޓިކެޓް ހަދިޔާކުރަން ޖޯޝް ވަނީ އެދިފައެވެ.

އެ ޓްވީޓަށް ޖަވާބު ދެމުން ރަޝްފޯޑް ބުނީ މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗެއްގެ ދެ ޓިކެޓް ޖޯޝްއަށް ހަދިޔާކުރާނެ ކަމަށާއި، ހަގީގީ ސަޕޯޓަރުންނާއެކު އުފާފާޅު ކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ރަޝްފޯޑް ވަނީ ސިއްހީ މުވައްޒަފުން މި ދަނޑިވަޅުގައި ކުރާ ބުރަ މަސައްކަތަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ނެޝަނަލް ހެލްތު ސާވިސަސްގެ މުވައްޒަފަކަށް ރަޝްފޯޑް ހާއްސަ ހަދިޔާއެއް ދިންއިރު، ނެޝަނަލް ހެލްތު ސާވިސަސް އަށް އެހީވުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިން މީގެ ކުރިން ވަނީ ހާއްސަ ފަންޑެއް އުފައްދާފައެވެ. "ކުޅުންތެރިން އެކުގައި" މި ނަމުގައި އުފެއްދި މި ފަންޑު މެދުވެރިކޮށް ނެޝަނަލް ހެލްތު ސާވިސަސް އަށް ފަންޑު ހޯދުމަށް ޕްރިމިއާ ލީގުގެ ކުޅުންތެރިން މަސައްކަތް ކުރާނެ އެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 100،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޕްރިމިއާ ލީގު ކުޅުންތެރިންގެ މި ފަންޑު މެދުވެރިކޮށް، ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީވުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން މީގެ ކުރިން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ.

- ކޮމެންޓް