ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެއެވެ.
ހޮންކޮންގއާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ބެހޭ ވާހަކަތަކުގެ ދެވަނަ ބުރު ނިންމަވާ ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިތަކަށް ހޮންކޮންގައި ވިޔަފާރި ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހޮންކޮންގާއި ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ކުރިއަށް ގެންދެވީ ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ.
އިކޮނޮމިކް މިނިސްޓަ ސަޢީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް ދެޤައުމުގެ ދެމެދުގައި ބޭއްވެވި ދެ ވަނަ ބުރުގެ ވާހަކަތައް ވަރަށް ކާމިޔާބު ކަމަށެވެ.
އެގޮތުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ހޮންކޮންއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް މިހާތަނަށް ކުރެއްވި މަޝްވަރާތަކުން ދިވެހި ވިޔަފާރިވެރިންނަށާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހޮންކޮން މާކެޓުން ވަރަށް މުހިއްމު ފުރުޞަތުތަކެއް ފަހިވެގެން ހިނގައްޖެ ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކަށް ބައްލަވާއިރު ރާއްޖޭގެ ވިޔަފާރިތަކުން ހޮންކޮންގައި ވިޔަފާރިކުރުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. އަދި ރާއްޖެއިން ހޮންކޮންގެ މާކެޓަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް އެއްވެސް ޓެރިފެއް ނުނަގާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހޮންކޮންގ އާއި ދިވެހި ސަރުކާރާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ގުޅޭގޮތުން ފުރަތަމަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ސައްބީހުން ތިރީހަށް ހޮންކޮންގައެވެ.
ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކަށައެޅުމަށް މަސައްކަތް ކުރަމުންނެވެ.