އިންޑިއާގައި ލޮކްޑައުންގެ މުއްދަތު މެއި މަހު 3 ވަނަ ދުވަހާއި ހަމަޔަށް އިތުރުކުރުމާ ގުޅިގެން، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ފަސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އައިޕީއެލް ފަސްކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް، އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) އިން މި މުބާރާތް ފަސްކުރުމަށް ނިންމިކަމެއް އަދި ރަސްމީކޮށް އަންގާފައެއް ނުވެއެވެ.
އައިޕީއެލް ފަށަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަކު މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އައިޕީއެލް ފެށުން އޭރު ވަނީ ފަސްކޮށްފައެވެ. އަދި ފަހުން ބުދަ ދުވަހު ފަށަން ނިންމި ޓީ-ޓުވެންޓީ މި މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ބީސީސީއައި ގެ ރައީސް ސިރޯވް ގަންގަލީ ވިދާޅުވީ ބީސީސީއައި އިން މުބާރާތް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި, އެކަމަކު މި ދަނޑިވަޅުގައި މުބާރާތް ބޭއްވޭނެ ކަމެއް ނުބުނެވޭނެ ކަމަށެވެ. އަދި މިވަގުތަށް ބަލާނަމަ މުހިންމީ ކުޅުންތެރިންނާއި އާންމުންގެ ސިއްހަތު ކަމަށާއި މުބާރާތް ފަސްކުރަން ޖެހިދާނެ ކަމަށެވެ.
މީގެ އިތުރުން ގަންގަލީ ވިދާޅުވީ ދުނިޔޭގެ ކުޅިވަރު މިހާރު މިވަނީ ހުއްޓިފައި ކަމަށާއި އެހެން ކަމުން އިންޑިއަން ޕްރިމިއާ ލީގު މިދަނޑިވަޅުގައި ފައްޓައިފިނަމަ އެކަމަށް ފާޑު ކިޔުން އަމާޒުވާނެ ކަމަށެވެ. އަދި އިންޑިއާއަކީ އާބާދީ ބޮޑު ގައުމެއް ކަމަށާއި ކޮވިޑް-19 އިންޑިއާގައި މިހާރު އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުން ކަމަށްވެސް ގަންގަލީ ވިދާޅުވިއެވެ.
އައިޕީއެލް މީގެ ކުރިން 2009 ވަނަ އަހަރު ވަނީ ސައުތު އެފްރިކާގައި ބާއްވާފައެވެ. އޭރު މުބާރާތް ސައުތު އެފްރިކާއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.
ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރާނެ ކަމަށް ރިޕޯޓުތައް ބުނިއިރު، މިހާތަނަށް އިންޑިއާއިން މި ވައިރަހަށް 11،500 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެ ގައުމުން 390 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.