ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަނުގެ ކަކުލު ހުޅަށް ލިބިފައިވާ ސީރިއަސް އަނިޔާއިން ރަނގަޅު ވުމަށް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ހައިޝަމް ފަހަކަށް އައިސް އަންނަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ. ހައިޝަމަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގައެވެ. އަނިޔާވި ނަމަވެސް މާ ބޮޑަށް ސީރިއަސް ނުވާތީ ހައިޝަމް އެ މެޗު ފުރިހަމަ ކުރި އެވެ. އޭގެ ހަތަރު ދުވަސް ފަހުން އީގަލްސް އިން ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހައިޝަމް ހިމެނި ނަމަވެސް، އެ މެޗުގައި ކަކުލަށް ވަރަށް ބޮޑަށް ތަދުވާތީ 50 މިނެޓަށްފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ.
ކަކުލު ހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ހައިޝަމް ވަނީ އަންގާރަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި އޮޕަރޭޝަނެއް ކޮށްފައެވެ.
ހައިޝަމް ގައުމީ ޓީމަށް އެންމެ ފުރަތަމަ ނަގާފައިވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ.
އޭނާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗަކީ ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން ރާއްޖެ މޮޅުވި މެޗެވެ. އަދި އެއަށްފަހު ކޮލިފައިންގައި ރާއްޖެއިން ޗައިނާ، ސީރިއާ އަދި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ހައިޝަމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެކަމަކު ކޮލިފައިންގައި އެންމެ ފަހުން މާލޭގައި ގުއާމް އަތުން 3-1 އިން ރާއްޖެ މޮޅުވި މެޗުގައި އޭނާ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ވެސް، ހައިޝަމް ވަނީ އެ މުބާރާތުގެ ގިނަ މެޗުތަކުގައި ކުޅެފައެވެ.
މީގެ އިތުރުން ހައިޝަމް ވަނީ މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ދެ ބުރުންވެސް ނޮމިނޭޓުވެފައެވެ.