ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރަނގަޅުވެ، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފިލްޑަރު މަރުއާން ފެލައީނީ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ޗައިނާގެ ލުނެން އަށް މިހާރު ކުޅެމުން އަންނަ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާޗު މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ މި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ރާއްޖޭގައި އުޅުމަށްފަހު އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ފެލައިނީ އަކީ ޗައިނީސް ސުޕަ ލީގުން ކޮވިޑް-19 ޖެހުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.
އުމުރުން 32 އަހަރުގެ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ވަނީ ޗައިނާގެ ޖިނާން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައެވެ. އަދި ބަލިން ރަނގަޅުވުމާއެކު އޭނާ ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ފެލައިނީ ވަނީ އޭނާއަށް ފަރިވާދިން ސިއްހީ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ފެލައިނީ އަކީ އެވަޓަންގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެ ޓީމުގެ ކޯޗު ޑޭވިޑް މޮއިސްއާ އެކު، 2014 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ 27 މިލިއަން ޕައުންޑަށް ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ޔުނައިޓެޑް ދޫކޮށް ޗައިނާގެ ލުނެން އަށް ބަދަލުވީ 2019 ވަނަ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައެވެ.