ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ރާއްޖޭގެ ކްލަބުތަކަށް ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.
ކޮވިޑް-19 ގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާއިރު، މީގެ ކުރިން އެފްއޭއެމުން ވަނީ 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރަން ނިންމާފައެވެ.
ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރިއިރު، މީގެ ކުރިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަނީ ނިމިފައެވެ. އެފްއޭއެމުން ކެންސަލް ކޮށްފައިވަނީ މިއަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. މި ދެ މުބާރާތް ކެންސަލް ކުރިއިރު، މީގެ ކުރިން ވަނީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެފައެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު (ޖަވާ) ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކްލަބުތަކަށް ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މިހާރު އެފްއޭއެމުން ކްލަބުތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މި މަޝްވަރާއަށްފަހު ކްލަބުތަކަށް ވެދެވެން އޮތް އެހީތަކާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ ޓީވީގައި ވާހަދައްކަމުން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ މި ދަނޑިވަޅަކީ ކްލަބުތަކާއި އެފްއޭއެމް އަދި ކުޅިވަރާ ބެހޭ ވުޒާރާވެސް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި ކްލަބުތަކަށް މާލީ ގޮތުން އެހީވުމަށް ރިލީފް ފަންޑެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރި ނަމަވެސް، މި ސީޒަނުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި މިއަހަރުގެ ޖަޒީރާ ޗެމްޕިއަންޝިޕް އޮންނާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި މި ދެ މުބާރާތް ބާއްވާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، 14 މީހަކު މިހާތަނަށް ވަނީ މި ވައިރަހުން ރަނގަޅުވެފައެވެ.