މުސާރަ ކުޑަކުރަން އާސެނަލްގެ ކުޅުންތެރިން ދެކޮޅު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބަތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އާސެނަލުން އަންނަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. އާސެނަލުން އެޓީމުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ކުޅުންތެރިންނާއިއެކު ވާހަކަދައްކަމުން އަންނައިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައުތެމްޓަނާއި ވެސްޓް ހޭމް ޔުނައިޓެޑުން މިހާރު ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އާސެނަލުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ކުޅުންތެރިންނާއިއެކު މަޝްވަރާ ކުރަމުން އައި ނަމަވެސް، ކުޅުންތެރިން އަންނަނީ މުސާރަ ކުޑަކުރުމަށް ދެކޮޅު ހަދަމުންނެވެ. އެކަމަކު އަންނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވެއްޖެ ނަމަ، ކުޅުންތެރިންގެ މުސާރައިން 25 މިލިއަން ޕައުންޑް މަދުކުރަން އާސެނަލުން ބޭނުންވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޕްރިމިއާ ލީގު ތާވަލުގައި އާސެނަލް މިވަގުތު ޮއތީ ނުވަވަނައިގައި 40 ޕޮއިންޓާއެކު އެވެ.
ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ސީޒަން ނުފެށި ދިގުލައިގެންދާނަމަ ޕްރިމިއާ ލީގު ކްލަބުތަކަށް ބޮޑު ގެއްލުމެއްވާން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޕްރިމިއާ ލީގުގެ މި ސީޒަން ނުނިންމެއްޖެނަމަ، ކްލަބުތަކަށް މާލީ ގޮތުން އެއް ބިލިއަން ޔޫރޯއަށް ވުރެ ބޮޑު ގެއްލުމެއްވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ ކުރިން ފްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ދެކޮޅު ހަދާފައެވެ. އެ ޔޫނިއަނުން ބުނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމުން، ކްލަބުތަކަށް ޖުމްލަ 500 މިލިއަން ޔޫރޯ އެއްކުރެވޭ ކަމަށެވެ. އެއާއެކު އިނގިރޭސިވިލާތުގެ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 200 މިލިއަން ޔޫރޯ މަދުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ބައެއް ކްލަބުތަކުން ނާޖައިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ވޭން ރޫނީ އާއި ގެރީ ނެވިލާވެސް ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަނުކުރަން ގޮވާލާފައެވެ.
ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން ވަނީ އެ ކްލަބުތަކުގެ މުވައްޒަފުން ނޯޕޭ ލީވްއަށްވެސް ފޮނުވާލާފައެވެ. އެގޮތުން ޓޮޓެންހަމް ހޮޓްސްޕާ އާއި، ނިއުކާސަލް ޔުނައިޓެޑާއި، ބޯންމަތު އަދި ނޯވިޗް ސިޓީގެ ބައެއް މުވައްޒަފުން ވަނީ ނޯޕޭއަށް ފޮނުވާލާފައެވެ. އެކަމަކު ޝެފީލް ޔުނައިޓެޑުން ވަނީ މުސާރައާ އެކު ބައެއް މުވައްޒަފުންނަށް ޗުއްޓީ ދޭން ނިންމާފައެވެ.