މާލީގޮތުން ކްލަބަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ފޯވާޑް ހެރީ ކޭން ވިއްކާލަން ޓޮޓެންހަމް ހޮޓްސްޕާއިން ނިންމައިފި އެވެ.
ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓޮޓެންހަމުން މީގެ ކުރިން ވަނީ އެ ކްލަބުގެ 550 މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި މުސާރަ ކުޑަކުރަން އެއްބަސްނުވާ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެ ޓީމުން އަލަށް ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް ނަގާފައިވާ އެއް ބިލިއަން ޕައުންޑުގެ ލޯނު އަދި ނުނިމޭއިރު، ކޮވިޑް-19 އާ ގުޅިގެން ކްލަބަށް ވަންނަ ފައިސާ މަދުވުމުން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ޓޮޓެންހަމްގެ ފުޓްބޯޅަ ދަނޑު ހެދުމަށް ނަގާފައިވާ ލޯނުގައި އަދި ބާކީ ނުދައްކާ 637 މިލިއަން ޕައުންޑު އެބަހުއްޓެވެ.
ރިޕޯޓުތައް ބުނާ ގޮތުން ލޯނުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ އެއްފަހަރާ ބޮޑު އަދަދަކުން ޓޮޓެންހަމަށް ލިބޭނެ އެންމެ ފަސޭހަ ގޮތަކީ ޓްރާންސްފާ ބާޒާރުގައި އަގު ބޮޑުކޮށް ކޭން ވިއްކާލުމެވެ. އެހެންކަމުން 200 މިލިއަން ޔޫރޯ ހުށަހަޅާ ކްލަބަކަށް ކޭން ވިއްކާލާނެ ކަމަށް ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ޓޮޓެންހަމުން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވިއްކާލަން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ގަތުމަށް ސްޕެއިންގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ މެންޗެސްޓާ ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޓޮޓެންހަމުން ކެރިއަރު ފެށި އުމުރުން 26 އަހަރުގެ ކޭން މިވަގުތު ހުރީ އަނިޔާގައި ކުޅުމާއި ދުރުގައެވެ. ކޭންގެ ފައިގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.
2009 ވަނަ އަހަރު ޓޮޓެންހަމްގެ ސީނިއާ ޓީމުން ޖާގަ ހޯދި ކޭން ވަނީ އެޓީމަށް މިހާތަނަށް ކުޅެދިން 278 މެޗުގައި 181 ލަނޑު ޖަހާފައެވެ.