މެދުކަޑާލާފައިވާ ޖަރުމަން ލީގުގެ ކުޅުން މެއި މަހުގެ ފަހުކޮޅު ފެށޭވަރު ވާނެ ކަމަށް އެއިންޓްރެކްޓް ފްރެންކްފަޓްގެ މިޑްފީލްޑަރު ގެލްސަން ފެނާންޑޭސް ބުނެފި އެވެ.
މުޅި ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަން ލީގުގެ މެޗުތައް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ. އެކަމަކު ދާދި ފަހުން ޖަރުމަންގެ ކްލަބުތަކަށް ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފައެވެ. އެއާއެކު ޖަރުމަން ކްލަބުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ކުޅުންތެރިން ގައިގޯޅި ނުވާގޮތަށެވެ.
ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ކުރިން މެންޗެސްޓާ ސިޓީއަށްވެސް ކުޅެފައިވާ ގެލްސަން ފެނާންޑޭސް ބުނީ މެދުކެނޑުމަކަށްފަހު ފަރިތަކުރުންތައް ކުރިއަށް ގެންދަން ފުރުސަތު ލިބުމުން ކުޅުންތެރިން ތިބީ ވަރަށް އުފާވެފައި ކަމަށެވެ. އަދި އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައި އޮތް ނަމަވެސް، ލީގު ފެށުން ފަސްވާނެ ކަމަށާއި، އެންމެ އަވަހަށްވެސް ލީގުގެ ކުޅުން ފެށޭނެ ކަމަށް ބެލެވެނީ މެއި މަހުގެ ފަހުކޮޅު ކަމަށްވެސް ވަނީ ބުނެފައެވެ.
ޖަރުމަނުން މިހާތަނަށް 125،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އެއިންޓްރެކްޓް ފްރެންކްފަޓްގެ ހަތަރު ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ ކްލަބުތަކަކަށް ވަނީ މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މާލީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށް މީގެ ކުރިން ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންގެ ކުޅުންތެރިން ވަނީ މުސާރަ އެއްވެސް ގޮތަކަށް ނުނެގުމަށް ނިންމާފައެވެ. އަދި ޖަރުމަނުގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި ބޮރޫޝިއާ ޑޯޓްމުންޑުގެ ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަކުރަން ނިންމާފައެވެ.