މުސާރަ ކުޑަކުރަން އެއްބަސްވި ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިންނަށް އަލުން ސީޒަން ފެށުމުން ބޯނަހެއް ދޭން އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ލީޑްސް އަކީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެއްބަސްވުމަކަށް އައި އިނގިރޭސި ފުރަތަމަ ކްލަބެވެ. ލީޑްސް މި ވަގުތު އޮތީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ އެއްވަނައިގަ އެވެ. ދެވަނަ ޑިވިޝަނުގައި ބާކީ ނުވަ މެޗު ކުޅެން އޮތްއިރު، ލީޑްސް އޮތީ 6 ޕޮއިންޓުގެ ލީޑަކާއެކު އެވެ.
މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އަރައިގަތުމަށް، ލީޑްސްގެ ކުޅުންތެރިންގެ އިތުރުން ކްލަބުގެ ކޯޗު މާސެލޯ ބިއެލްސާ އާއި އެހެނިހެން ބައެއް މުވައްޒަފުން ވެސް ވަނީ މި މުއްދަތުގައި މުސާރައިން ދެބައި ކުޅަ އެއް ބައި ކުޑަކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމުން ލީޑްސްއިން މަހަކު މުސާރަ އަށް ހޭދަކުރާ 3.1 މިލިއަން ޑޮލަރުން 1.2 މިލިއަން ޑޮލަރު ވަނީ ސަލާމަތްވެފަ އެވެ. އެހެންކަމުން މި ވަގުތު ކްލަބުގެ ހުށަހެޅުމަށް އެއްބަސްވެ މުސާރަ ކުޑަކުރި ކުޅުންތެރިންނަށް ފަހުން ބޯނަހެއް ދޭން ލީޑްސްގެ ވެރިޔާ އިޓަލީގެ މަހުޖަނު އަންދްރެއާ ރަޑްރިޒާނީ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލީޑްސްއިން ކުޅުންތެރިންގެ މުސާރަ ކުޑަކުރިއިރު، އިނގިރޭސި ޕްރިމިއާ ލީގުން މިހާތަނަށް ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވަނީ ސައުތެމްޓަނާއި ވެސްޓް ހޭމް ޔުނައިޓެޑުން އެކަންޏެވެ.
ސައުތެމްޓަނާއި ވެސްޓް ހޭމުން އެޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރިއިރު، ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ފްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން މީގެ ކުރިން ވަނީ ދެކޮޅު ހަދާފައެވެ. އެކަމަކު ވަރަށް އަވަހަށް ޕްރިމިއާ ލީގު ކްލަބުތަކުން ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.