ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މި ވަނީ މުޅި ދުނިޔެ ވަށާލާފައެވެ. އެތަކެއް ފަޤީރުންގެ ފަޤީރުކަން އިހުނަށްވުރެ ނިކަމެތި ކޮށްލާފައެވެ. މުއްސަނދިންގެ މުއްސަނދިކަން ނަގާލާފައެވެ. އާރާ ބާރުގައި ތިބި އެތަކެއް ބަޔަކު ސަލާން ޖެހުމަށް މަޖުބޫރުކޮށްފައެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް މިވަނީ ގޮތް ހުސްވެ ދަތްދޮޅީގައި އަތްވިދިފައެވެ. މިއަދު ކޮވިޑް- 19އިން ސަލާމަތް ވުމަށް އެކަކު އަނެކެއްގެ ކިބައިން މިދަނީ ހިތްވަރު ލިބިގަންނަމުންނެވެ. ފަގީރެއް މުއްސަންޖެއް ތަފާތެއް ނެތެވެ.
އަޅުގަނޑުމެންގެ އަވައްޓެރި ޤައުމެއްކަމަށްވާ ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާވެސް މި ބަލިމަޑުކަމުގެ ނުރައްކަލާ ކުރިމަތި ލައިފިއެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ ފަޤީރުންވެސް ތިބި އިންޑިއާއަށް މިވަގުތު ބޭނުންވަނީ އެ ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެމީހުނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ. ނޫން ނަމަ އެ ޤައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުނަށްވުރެ ބަނޑުހައިހޫނު ކަންމަތީ މަރުވެދާ މީހުންގެ ނިސްބަތް ގިނަވުން އެކަށީގެންވެއެވެ.
މިއަދު ދައްކަން މިއުޅެނީ އިންޑިއާގެ މި ބޮޑު އާބާދީއަށް މިސާލު ދެއްކި ތުއްތު ދެކުދިންގެ ވާހަކައެވެ. އިންޑިއާގެ މަދްޔަޕްރަދޭޝްގެ އަވަށެއް ކަމަށްވާ ކެޑްލީއަށް ނިސްބަތްވާ ކޭސަރު އަދި ޔޫވްރާޖް މިވަނީ ކޮވިޑް-19 ފެތުރެމުންދާތީވެ އެ ދެކުދިންގެ "ޕޮކެޓް މަނީ" ހިފައިގެން ފުލުސް އޮފީހަށް ގޮސްފައެވެ. އަދި މި ފައިސާ އަކީ އެކުދިންގެ ބައްޕަ ގުލާބްސިންގ މި ދެކުދިންނަށް ދެމުންދިޔަ ފައިސާ އެވެ. އެ ދެކުދިންގެ އުންމީދުތައް ހާސިލު ކުރުމަށް އެއްކުރި ފައިސާއެވެ. ނަމަވެސް މިއަދު އެދެކުދިން ބޭނުންވީ އެފައިސާ ކޮޅުން ވެސް ކޮންމެވެސް ނިކަމެއްޗެއްގެ ބަނޑުހައި ހޫނުކަން ފިލުވައިދިނުމަށެވެ.
އަދި މި އަމާނަތް އޭގެ ޙައްޤުވެރި ފަރާތްތަކަށް ރައްދުކޮށްދޭނެ ކަމަށް ފުލުސް މީހާ ބުނުމުން އެ ފައިސާ ހަވާލުކުރުމަށް ބޭނުމީ އެދެކުދިން ގެ އަތުން ކަމަށް ބުނެއެވެ. އަދި ފުލުސް މީހާ އެދެކުދިންނަށް ތައުރީފުގެ ބަސްތައް އޮއްސާލިއެވެ.
" އަބަދުވެސް ފެންނަނީ ކޮންމެވެސް މަޝްހޫރު ފަރާތެއް ފައިސާ ދީފިނަމަ އެމީހަކު މުޅިގައުމުގެ ހީރޯ އަކަށް ހަދާތަން އެކަމަކު މި ކުދިންނަކީ ގައުމުގެ އަސްލު ހީރޯ އިންނަކީ"ކުޑަކުދިންނާ ވާހަކަދެއްކި ފުލުސް އޮފިސަރު
ކޮވިޑް-19 އިން ސަލާމަތް ވުމަށް މިއަދު ބޭނުމީ މިފަދަ ހީރޯ އިންނެވެ. މިއަދު ބޭނުމީ އެކަކު އަނެކަކަށް އެހީތެރިވުމެވެ. ފައިސާއިން ނޫނަސް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. މިފަދަ ރިވެތި މިސާލު ދެއްކިދާނެއެވެ.
ހުސްވީ މަރޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިންޑިއާ މިވަނީ ތިން ހަފުތާގެ މުއްދަތަށް ލޮކްޑައުންކޮށް އެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައެވެ.