ކ. މާލެ
|
31 މާރޗް 2017 | ހުކުރު 00:46
އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ޗެމްޕިއަކަން ހޯދި ކިރިގިސްތާން ޓީމް
އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ޗެމްޕިއަކަން ހޯދި ކިރިގިސްތާން ޓީމް
ރާއްޖެއެމްވީ
އޭވީސީ ވޮލީ މުބާރާތް
ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި
މުބާރާތުގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗު ކާމިޔާބުކުރީ ތުރުކުމެނިސްތާން
މުބާރާތުގެ މޮޅު ކޯޗަކީ ކިރިގިސްތާންގެ ކޯޗު އަންކުދިނޯވް އަންދްރޭ

ރާއްޖޭގައި ކުރިއަށްދިޔަ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ޗެމްޕިއަކަން ކިރިގިސްތާނުން ހޯދައިފި އެވެ.

ކިރިގިސްތާނުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި ތުރުކުމެނިސްތާނާ ވާދަކޮށް ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ތުރުކުމެނިސްތާން އަތުން މޮޅުވެ ކިރިގިސްތާން ޗެމްޕިއަންކަން ހޯދި އިރު، ލީގު ބުރުގައި ބައްދަލުކުރި މެޗު ކާމިޔާބުކުރީ ތުރުކުމެނިސްތާނުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ކިރިގިސްތާނު ޓީމުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އެގޮތުން އެޓީމުން ވަނީ ފުރަތަމަ ސެޓު 25-20 އިން ކާމިޔާބުކޮށްފަ އެވެ.

ފުރަތަމަ ސެޓު ކިރިގިސްތާނުން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓުގައި ތުރުކުމެނިސްތާނުން ވަނީ މޮޅު ކުޅުމަކަށްފަހު 25-21 އިން މި ސެޓު ކާމިޔާބުކޮށް އިތުރަށް މެޗުގެ ފޯރި ގަދަ ކޮށްފަ އެވެ.

މި މެޗު ފަހު ސެޓުތަކުގައި ކިރިގިސްތާނުން ޑިފެންސް ކޮށްގެން ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔަ އިރު، އިސްކޮޅުން ދިގު ކުޅުންތެރިންތަކެއް އެކުލެވޭ ތުރުކުމެނިސްތާން ޓީމަށް ވަނީ ކިރިގިސްތާނުގެ އެޓޭކްތައް ހުއްޓުވަން ނުކުޅެދިފަ އެވެ.

މި މެޗުގެ ފަހު ދެ ސެޓު ކިރިގިސްތާނުން ކާމިޔާބުކުރީ 25-19 އަދި 25-22 އިންނެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދެވެ.

މުބާރާތުގެ އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކަށް ހޮވުނީ ކިރިގިސްތާން ޓީމުގެ ޓޮކްޓޮއެވް ނޫރު މުހައްމަދެވެ. އަދި ސެކަންޑް ބެސްޓް އައުޓް ސައިޑް އެޓޭކަރަކަށް ނޭޕާލްގެ ބަހާދުރް ހުރެޝްތާ ހޮވުނު އިރު، ބެސްޓް މިޑްލް ބްލޮކަރަކަށް ހޮވުނީ ތުރުކުމެނިސްތާންގެ ގުލިއޭވް މިތުން އެވެ. އަދި ސެކަންޑް ބެސްޓް މިޑްލް ބްލޮކަރަކަށް ހޮވުނީ ތުރުކުމެނިސްތާންގެ ބަހްރަމް ރޮޒްމިތޯވް އެވެ.

މީގެ އިތުރުން މުބާރާތުގެ ބެސްޓް ސެޓަރަކަށް ކިރިގިސްތާނުގެ މޫސައެވް ޒަމަލިއްދީން ހޮވުނު އިރު، ބެސްޓް އޮޕޮސިޓް ޕްލޭޔަރަކަށް ހޮވުނީ އެޓީމުގެ ކަނީބެކް އޫލު އޮނޮލްބެކް އެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް ތުރުކުމެނިސްތާންގެ އޮވެޒޯވް ގުޑްރަތު ހޮވުނު އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އިދްރީސޯވް އެމިލް އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ތުރުކުމެނިސްތާންގެ ކޯޗު އަންކުދިނޯވް އަންދްރޭ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިރިގިސްތާން ޓީމުގެ ކަނީބެކް އޫލު އޮނޮލްބެކް އެވެ.

ފައިނަލް މެޗަށްފަހު އޮތް އިނާމު ދިނުމުގެ ހަފްލާ ނިމިގެން ގޮސްފައި ވަނީ މުބާރާތުގައި އޮފިޝަލްކަން ކުރެއްވި ފަރާތްތަކަށް ވެސް އެކަމުގެ އަގުވަޒަންކޮށް ސެޓުފިކެޓް ހަވާލުކުރެވިގެންނެވެ.

- ކޮމެންޓް