މިއަދު ނިމިގެންދިޔަ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް އަންނަ އަހަރު ވެސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ޝަރަފުގައި ބުދަ ދުވަހުގެރޭ ސެންޓްރަލް ހޮޓަލްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ލަތީފު ވިދާޅުވީ މިއަހަރުގެ މުބާރާތް ވެސް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށެވެ.
އަދި މި މުބާރާތް މިއަންނަ އަހަރުވެސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ މިއަހަރުގެ މުބާރާތަށް ނުވަ ޓީމަކަށް ދައުވަތު ދެއްވި ކަމަށާއި އެހެން ނަމަވެސް މަދު ޓީމުތަކެއް ބައިވެރިވީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި އިތުރު ގައުމުތަކަށް ދައުވަތު ދެއްވި ކަމަށެވެ.
މިހަފްލާގައި ވާހަކަ ދައްކަމުން މުބާރާތުގައި ވާދަކުރާ ކިރިގިސްތާނު ޓީމުގެ ޖެނެރަލް ސެކްރެޓަރީ ކުލިޗު ބުނީ މުބާރާތުގެ އިންތިޒާމްތަކާއި ޓީމުތަކަށް ލިބެމުންދާ މެހެމާންދާރީ ވަރަށް ފުރިހަމަ ކަމަށާއި އެކަމަށްޓަކައި ވޮލީ ބޯޅަ އެސޯސިއޭޝަނާއި ރާއްޖޭގެ ވޮލީ އާއިލާއަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރޭގެ ހަފްލާގައި ރާއްޖޭގެ ވޮލީ ޓީމުގެ އެންމެ ކުޅުންތެރިއެއް ބައިވެރިވެފައިވާ އިރު ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިން ބައިވެރިނުވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އެ ކުޅުންތެރިން މިހަފްލާއަށް ހާޒުރުވެފައި ނުވަނީ މުސާރަ ނުދީ ލަސްވާތީ އެކަމާ ގުޅިގެންކަން ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.