މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އަރައިގަތުމަށް، މުސާރަ ކުޑަކުރަން ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި އޮފިޝަލުން ނިންމައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ސްޕެނިޝް ލީގު މެދުކަނޑާލާފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މި ސީޒަން ކެންސަލް ކޮށްފި ނަމަ، ކްލަބުތަކަށް އެއް ބިލިއަނަށްވުރެ ގިނަ ޔޫރޯގެ ގެއްލުންވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެހެންކަމުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރެއާލްގެ ކުޅުންތެރިންނާއި ކޯޗުގެ އިތުރުން އޮފިޝަލުންގެ މުސާރައިން 10-20 އިންސައްތަ ކުޑަކުރަން ވަނީ ނިންމާފައެވެ. ރެއާލުން ބުނީ މިގޮތަށް ނިންމީ ކްލަބުގެ އެހެން މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދިނުމަށްޓަކައި ކަމަށެވެ.
ސްޕެއިންގެ ގަދަ ބާރު ރެއާލްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކުޑަކުރަން ނިންމިއިރު، މީގެ ކުރިން ބާސެލޯނާއިން ވަނީ ކުޅުންތެރިންގެ އެދުމުގެ މަތިން، ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމާފައެވެ.
ސްޕެނިޝް ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ލީގުގެ މެޗުތައް ދެން ފަށާނެ ތާރީޚެއް ކަނޑައަޅާނީ ސަރުކާރުން ވަކި ގޮތެއް އެންގުމުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ސްޕެނިޝް ލީގުގެ މެޗުތައް އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ކުރިން ނިންމި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން ހޫނު މޫސުމުގައި ލީގުގެ ކުޅުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.