ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 23:50
ގައުމީ ފިރިހެން ވޮލީ ޓީމްގެ ކުޅުންތެރިން
ގައުމީ ފިރިހެން ވޮލީ ޓީމްގެ ކުޅުންތެރިން
ވީއޭއެމް
ގައުމީ ވޮލީ ޓީމް
ޓީމުތަކުގެ ޝަރަފުގައި ބޭއްވި ހަފްލާއަށް ވޮލީ ޓީމުގެ އެންމެ ކުޅުންތެރިއެއް
މިހަފްލާފައި ރާއްޖޭގެ ޓީމުން ބައިވެރިވީ އަނިލް އެކަނި
ކުޅުންތެރިންނަށް މުސާރަ ނުލިބޭ މައްސަލަ ފެންމަތިވެއްޖެ

އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމުތަކުގެ ޝަރަފުގައި ބޭއްވި ހަފްލާއަށް ހާޒިރުވީ ދިވެހި ޓީމުގެ އެންމެ ކުޅުންތެރިއެއްކަން ހާމަވެއްޖެ އެވެ.

ޗަމްޕާ ހޮޓެލްގައި ބުދަ ދުވަހުގެރޭ ބޭއްވި މި ހަފްލާގައި ނޭޕާލާއި ކިރިގިސްތާން އަދި ތުރުކުމުނިސްތާންގެ މުޅި ޓީމު އެއްކޮށް ބައިވެރިވި އިރު، ދިވެހި ޓީމުން މި ހަފްލާއަށް ހާޒިރުވީ އަނިލް އެކަންޏެވެ.

ރަން މެޑަލް ހޯދުމުގެ އަޒުމުގައި އަމިއްލަ ފަސްގަނޑުގައި ބޭއްވި މި މުބާރާތާއި ކުރިމަތިލި ދިވެހި ޓީމު ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެ މުބާރާތުގެ ފުލަށް ގޮސްފަ އެވެ.

ރާއްޖޭއެމްވީ މައުލޫމާތު ލިބިފައިވާ ގޮތުގައި މުބާރާތާ ކުރިމަތިލި އިރުވެސް ދިވެހި ޓީމުގައި އެތައް މައްސަލަތަކެއް ހުއްޓެވެ. އެގޮތުން މުބާރާތަށް ތައްޔާރުވުމަށް ދިވެހި ޓީމު ތައިލެންޑުގައި ކުރި ކޭމްޕުގައި، ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރި ނުވުމާއި، މުބާރާތް ހިނގަމުންދިޔައިރު ވެސް ޓީމުގެ ޕުރެކްޓިސްތަކަށް ހާޒިރު ނުވުން ފަދަ މައްސަލަތައް ދިމާވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޮލީ ޓީމުގައި ހިމެނޭ ކުޅުންތެރިން މިހަފްލާއަށް ދިއުމަށް އެންމެ ބޮޑަށް ދެކޮޅު ހަދާފައި ވަނީ މުސާރަ ނުލިބި ލަސްވުމާ ގުޅިގެންނެވެ.

ކުޅުންތެރިންނަށް މުސާރަ ލިބިފައި ނުވާއިރު، ވޮލީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވަނީ ނުސީދާކޮށް ކުޅުންތެރިންނަށް މެސެޖެއް ވެސް ދީފަ އެވެ. އެގޮތުން ލަތީފް ވިދާޅުވީ މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުގެ ކުޅުންތެރިންނަކީ އެއްވެސް މުސާރައަކާ ނުލައި ހިލޭ ސާބަހަށް ގައުމަށް ރީތި ނަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ކުޅުންތެރިންނަކީ މުސާރައެއް ދެވިގެން ކުޅޭ ކުޅުންތެރިން ކަމަށެވެ.

ލަތީފް ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިންނަށް މުސާރައެއް ހަމަޖެހިފައިވާ އިރު ރަން މެޑަލް ހޯދުމަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެހެން ކަމުން ކުރިއަށް ހުރި މުބާރާތްތަކުގައި ރަންވަނަތައް ހޯދުމަށް ކުޅުންތެރިންގެ ކިބައިން އެދޭ ކަމަށެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ކިރިގިސްތާނެވެ. އެޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތުރުކުމެނިސްތާނާ ވާދާކޮށް 3 ސެޓު 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

- ކޮމެންޓް