ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 21:56
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައި އިދާރާ
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައި އިދާރާ
ވީނިއުސް
އެފްއޭއެމް
އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު
އޭޕްރިލް މަސް ތެރޭގައި ކޯޗެއް ޓީމާއި ހަވާލުވާނެ
ޓީމާ ހަވާލުވާނީ ރާއްޖޭގެ ފުޓުބޯޅަ ދަންނަ ފަރާތެއް

ހުސްވެފައިވާ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް އައްޔަންކުރާނެ ފަރާތެއް ހޯދުމަށް އޭޕްރިލް މަސް ތެރޭގައި އިއުލާން ކުރެވިގެންދާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމު ހުސްވެފައި މިވަނީ ކުރިން އެ މަގާމުގައި ހުރި ޖަޕާންގެ ރިއޯ ނައޯކޯ ކަވަމޯޓޯ އެނބުރި ގައުމަށް ދިއުމާ ގުޅިގެންނެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާ ވިދާޅުވީ މިވަގުތު ޓީމުގައި ކޯޗެއް ނެތް ނަމަވެސް، އަންހެން ޓީމަށް ރަނގަޅު ފެންވަރެއްގެ ކޯޗެއް ހޯދައި ދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ނާޒިމާ ވިދާޅުވީ އެފްއޭއެމްގެ މިހާރުގެ އެކްސްކޯ އިން އަންހެން ޓީމު އެއްފަރާތްކޮށް ދުރަށް ނުލާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އަންހެން ޓީމަށް ދެވޭ ސަމާލުކަން އިތުރުވެ އެޓީމުގެ ހިންގުމުގެ މަސައްކަތް މިހާރަށްވުރެން ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ނާޒިމާ ވިދާޅުވީ އަންހެން ޓީމަށް ކޯޗެއް ހޯދުމަށް މަސައްކަތްކުރާ އިރު، އެޓީމަށް އާދައިގެ ކޯޗެއް ނުގެންނާނެ ކަމަށެވެ. އެގޮތުން ޓީމާއި ހަވާލުވާނީ ރާއްޖޭގެ ފުޓުބޯޅަ ދަންނަ ފަރާތެއް ކަމަށް ވެސް ނާޒިމާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ރާއްޖޭގެ ފަރާތެއްތޯ ނުވަތަ ބޭރުގެ ފަރާތެއްތޯ ނާޒިމާ ވިދާޅެއް ނުވެ އެވެ.

ނާޒިމާ ވިދާޅުވީ މިހާރު ފެށުމަށް ހަމަޖެހިފައިވާ ކްލަބު މޯލްޑިވްސް ކަޕަށްފަހު އަންހެން ޓީމެއް އެކުލަވާލެވި އާ ކޯޗަކާއެކު ވަރަށް އަވަހަށް ފަރިތަކުރުންތައް ފެށިގެންދާނެ ކަމަށެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކޯޗް ކޮށްދީފައިވާ ރިއޯ ކޯޗްކަމުގެ ދަށުން ރާއްޖޭގެ ޓީމް މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ މިއަހަރު ކުރީކޮޅުގައި ބޭއްވުނު އަންހެން ސާފް ޗެންޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީމް ދަތުރުކުރުމެވެ. އަދި ސާފް ޗެންޕިއަންޝިޕްގެ ކުރިން ރާއްޖޭގެ ޓީމް ޔޫއޭއީއަށް ކުރި ކޭމްޕްގައި ވަނީ އެގައުމާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުން މޮޅުވެފަ އެވެ.

ޖަޕާން ސަރުކާރުގެ އެހީގެ ދަށުން 2014 ވަނަ އަހަރު ކޯޗް ރިއޯ އެންމެ ފުރަތަމަ ރާއްޖެއައިސްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި 2016 ވަނަ އަހަރުވަނީ އެއްބަސްވުން ހަމަވެ، އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުން އާކޮށްފަ އެވެ.

- ކޮމެންޓް