ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޗައިނާގެ ފިރިހެން ފުޓްބޯޅަ ޓީމު ކަރަންޓީނުގެ މުއްދަތު ހަމަކޮށްފިއެވެ.
ޗައިނާ ފުޓްބޯޅަ ޓީމު ކަރަންޓީނުކުރީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއިގައި ކުރިއަށްގެންދިޔަ ތަމްރީނު ކޭމްޕަށްފަހު އެނބުރި ގައުމަށް ދިޔުމުންނެވެ. ނިމިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ސަންޔާއަށް ފުޓްބޯޅަ ޓީމު ދިޔުމުން، އެ ސިޓީގެ ހޮޓަލެއްގައި 25 ކުޅުންތެރިންގެ ސްކޮޑު ވަނީ ކަރަންޓީނުކޮށްފައެވެ.
ޗައިނާގެ ފުޓްބޯޅަ ޓީމު ކަރަންޓީނުގެ މުއްދަތު ހަމަކުރިއިރު، އެއްވެސް ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. ޗައިނާ ފުޓްބޯޅަ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން އެންމެ ފަހުން ހެދި ދެވަނަ ޓެސްޓުންވެސް އެއްވެސް ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްނުވާ ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ފުރަތަމަ ވައިރަސް ފެނުނު ޗައިނާ އާންމު ހާލަތަށް ބަދަލުވުމުން އަންނަ އިރު، ޗައިނާއިން ވަނީ 81،000 އަށް ވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އެ ގައުމުން މަރުވެފައިވާ މީހުންގެ އަދަދު 3300 އަށް ވުރެ ގިނައެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ފީފާއިން ވަނީ މާޗު މަހާއި ޖޫން މަހަށް ތާވަލުކޮށްފައި ހުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ފަސްކޮށްފައެވެ.