ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
އީއެސްޕީއެން ޕްރެޒިލް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ބާސާ ކަހަލަ ކްލަބަކުން ނޭމާ ފަދަ ކުޅުންތެރިޔަކު ދޫކޮށްލާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އޭނާ ވެސް އެފަދަ ކްލަބެއް ކައިރި މުސްތަގުބަލެއްގައި ދޫކޮށްލާނެ ކަމަށް ނުދެކޭ ކަމަށެވެ.
ނޭމާއަކީ ލިއޮނެލް މެސީ ފިޔަވައި ބާސާގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ފާހަގަކުރަމުން މޮރީނިއޯ ބުނީ ނޭމާ ހޯދުން ވެގެންދާނީ ތިޖޫރީއެއް ފާޅާލުން ފަދަ ކަމެއް ކަމަށާއި، އެފަދަ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ބްރެޒިލްގެ ސަންޓޯސް އިން ކެރިޔަރު ފެށި ނޭމާ ވަނީ އެ ކްލަބުގައި ހޭދަކުރި ފަސް ސީޒަނުގައި ކުޅުނު 225 މެޗުގައި 136 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ބްރެޒިލް ލީގު ތިން ފަހަރު، ބްރެޒިލް ކަޕް އަދި ކޮޕާ ލިބެރޭޝަންސް ކާމިޔާބުކޮށްފައެވެ.
ބްރެޒިލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާ އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 176 މެޗުގައި 99 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 77 މެޗުގައި 52 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތް އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބުކޮށްފައެވެ.