ޕާކސްތާނުގެ ކްރިކެޓް ޓީމުގެ އެންމެ ބާރު އުކުންތެރިޔާ މުޙައްމަދު އިރުފާން އެއް އަހަރު ދުވަހަށް އެގައުމުގެ ކްރިކެޓް ބޯޑުން ސަސްޕެންޑްކޮށްފިއެވެ.
އިރުފާން ސަސްޕެންޑްކުރީ ކްރިކެޓް ބޯޑުން ބަލަމުންދާ މެޗް ފިކްސިންގެ މައްސަލައެއްގައެވެ. އިރުފާނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވުމަށް ދެފަހަރެއްގެ މަތިން ބޯޑުން ވަނީ އަންގާފައެވެ.
ކްރިކެޓްބޯޑުން ބަލަމުންދާ މެޗް ފިކްސިންގ މައްސަލާ ގުޅުންހުރިން ފަރާތްތައް އެންގުމަށް ދެފަހަރު އިރުފާނަށް އެންގުމުން ވެސް އޭނާ ވަނީ އެކަން ނުކޮށްފައެވެ.
ކްރިކެޓް ކުޅުންތެރިންގެ ތެރެއިން މުޅި ދުނިޔެ އިން ހަތް ވަނައަށް އެންމެ ބާރު އުކުންތެރިޔާ އިރުފާނަކީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބަލަމުންދާ މެޗް ފިކްސިން މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި ތިން ވަނަ ކުޅުންތެރިޔާއެވެ.
އިރުފާން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރި ނަމަވެސް ކްރިކެޓް ބޯޑުން ބަލަމުންދާ މައްސަލަތަކުގައި އެއްބާރުލުން ދީފި ނަމަ އެއް އަހަރު ދުވަހުގެ މުއްދަތް ހަ މަސް ދުވަހަށް ކުޑަކޮށްދޭނެ ކަމަށް ބޯޑުން ވަނީ ބުނެފައެވެ.
އެންމެފަހުން އިރުފާން ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅެފައިވަނީ 2016 ވަނަ އަހަރުއެވެ. މި ސަސްޕެންޝަނާއި ގުޅިގެން އިރުފާނަށް ޕާކިސްތާނުގެ ކްރިކެޓް ލީގުގައިވެސް ނުކުޅެވޭނެއެވެ.
އިރުފާނުގެ ސަސްޕެންޝަން އައިސްފައިވާ ވަނީވެސް ޕާކިސްތާނުގެ ލީގުގައި ހިންގިކަމަށްބުނާ މެޗު ފިކްސިންގެ މައްސަލައެއްގައެވެ.
އިރުފާންގެ އިތުރުން އޭނާއެކު ޕާކިސްތާނުގެ އިސްލާމް އާބާދު ޔުނައިޓެޑަށް ކުޅެމުން އަންނަ ޝަރީޖް ޚާން އަދި ކާލިދް ލަތީފް ވަނީ ސަސްޕެންޑް ކޮށްފައެވެ.