ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް ހެރީ ކޭން ގަތުމަށް ސްޕެއިންގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ގަދަ ބާރު މެންޗެސްޓާ ސިޓީން މަސައްކަތްކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރެއާލް އާއި ސިޓީން ކޭން ހޯދުމަށް މަސައްކަތް ފެށީ މެންޗެސްޓާ ޔުނައިޓެޑުން ކޭން ގަތުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލުމުންނެވެ. ޔުނައިޓެޑުން ކޭން އެޓީމަށް ނުގެންދާން ނިންމީ ޓޮޓެންހަމުން ކީ 150 މިލިއަން ޔޫރޯގެ އަގު ބޮޑުކަމުންނެވެ.
ކޭން ގަތުމަށް ރެއާލް އާއި ސިޓީން މަސައްކަތް ކުރަމުން އަންނައިރު، ކޭން އޭނާގެ އިންސްޓަގްރާމް ލައިވްގައި މި ސީޒަނަށްފަހު ޓޮޓެންހަމް ދޫކޮށްލާނެތޯ އެހުމުން ބުނެފައިވަނީ ޓޮޓެންހަމް ދޫކޮށްލުމާއިމެދު ނުވިސްނާ ކަމަށާއި އޭނާ އެންމެ ލޯބިވާ ކްލަބަކީ ޓޮޓެންހަމް ކަމަށެވެ. އެހެންކަމުން އެ ސުވާލަށް އަދި ޖަވާބު ދޭން އަވަސް ކަމަށްވެސް ވަނީ ބުނެފައެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ބޮޑަށް ފާރަލާނެ ކުޅުންތެރިޔަކީ ކޭން އެވެ. ސަބަބަކީ ސިޓީން އެޓީމުގެ ފޯވާޑުން ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ގާޑިއޯލާގެ ޕްލޭންގައި ކޭން މުހިންމު ވުމުންނެވެ. އަނެއްކޮޅުން ރެއާލުން އެޓީމުގެ ފޯވާޑުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކޭން އަކީ މުހިންމު ކުޅުންތެރިއެކެވެ.
ޓޮޓެންހަމުން ކެރިއަރު ފެށި އުމުރުން 26 އަހަރުގެ ކޭން މިވަގުތު ހުރީ އަނިޔާގައި ކުޅުމާއި ދުރުގައެވެ. ކޭންގެ ފައިގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.
2009 ވަނަ އަހަރު ޓޮޓެންހަމްގެ ސީނިއާ ޓީމުން ޖާގަ ހޯދި ކޭން ވަނީ އެޓީމަށް މިހާތަނަށް ކުޅެދިން 278 މެޗުގައި 181 ލަނޑު ޖަހާފައެވެ.
ކޭން ވަނީ ޓޮޓެންހަމްއާއެކު 2014 ވަނަ އަހަރުގެ ސީޒަނުގައި ލީގު ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.