ކޮވިޑް-19 އާއި ގުޅިގެން މުދާ އިމްޕޯޓު ކުރާ ފަރާތްތަކަށް ގިނަ ލުއި ތަކެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ނިންމައިފިއެވެ.
އެމްޕީއެލް އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ކޮވިޑް-19 ރޯގާ އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ޢާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މުދާ އިމްޕޯޓް ކުރާ ފަރާތްތަކާއި އަދި އެހެނިހެން ވިޔަފާރިވެރިންނަށް ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
އެމްޕީއެލް އިން މުދާ އިމްޕޯޓުކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ލުއިތަކަކީ:
ސްޓޯރޭޖް (ޑެކަރޭޖް) ރޭޓް އިން %20 ގެ ޑިސްކައުންޓެއް ހަމަޖައްސައިދިނުން
އެމްޕީއެލް އިން ބުނީ 30 މާރޗް 2020 އިން ފެށިގެން 30 ޖޫން 2020 ދުވަހުގެ ނިޔަލަށް މާލޭ ކޮމާރޝަލް ހާބަރ އަދި ހުޅުމާލޭ ޓާރމިނަލްއިން ކްލިއަރ ކުރާ މުދަލުގެ ތެރެއިން ކޮންޓެއިނަރައިޒް ކާގޯ އަށް އަރާ ސްޓޯރޭޖް ޗާރޖް (ޑެކަރޭޖް) އަށް %20 ގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޑިސްކައުންޓް މިހާރު ބަނދަރުގައި ހުރި މުދަލުގެ ތެރެއިން ސްޓޯރޭޖް (ޑެކަރޭޖް)ދައްކަން ޖެހޭ މުދަލަށްވެސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.
ކޮންޓެއިނަރައިޒް ކާގޯގެ ފްރީސްޓޯރޭޖް ގެ މުއްދަތު 12 ދުވަހަށް އިތުރު ކޮށްދިނުން
އެމްޕީއެލް އިން ބުނީ ކޮންޓެއިނަރައިޒް ކާގޯގެ ފްރީސްޓޯރޭޖް މުއްދަތުގެ ގޮތުގައި މިހާރުދޭ 10 ދުވަހުގެ ބަދަލުގައި 12 ދުވަސް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތަށް ހަމަޖެހިފައިވަނީ މިހާރު ބަނދަރަށް ބާލާފައިވާ ކޮންޓެއިނަރައިޒް ކާގޯގެ ތެރެއިން މިއަދާ ހަމައަށް ކްލިއަރ ނުކޮށް ހުރި މުދަލާއި ހޯމަ ދުވަހުން ފެށިގެން 30 ޖޫން 2020 ނިޔަލަށް ރާއްޖެ އިމްޕޯޓް ކުރާ ކޮންޓެއިނަރައިޒް ކާގޯއަށް ކަމަށެވެ.
މީގެ އިތުރުން މިހާރު ބަނދަރުގައި ހުރި ކޮންޓެއިނަރައިޒް ކާގޯގެ ތެރެއިން ފްރީސްޓޯރޭޖް މުއްދަތުގެ 12 ދުވަސް 30މާރޗް 2020 އަށް ހަމަވެފައިވާ ނަމަވެސް މުދާ ބަނދަރަށް ބޭލި ފަހުން 15 ދުވަހަށްވުރެން ގިނަ ދުވަސްނުވާ (ހުކުރުދުވަސް ނުހިމަނާ) މުދަލަށް އިތުރު 3 ދުވަސް ފްރީސްޓޯރޭޖް ގެ ގޮތުގައި ހަމަޖައްސާފައި ވާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެހެންކަމުން މި ފަދަ މުދާ މި 3 ދުވަސްތެރޭ ކުލިއަރ ކުރާނަމަ ސްޓޯރޭޖް (ޑެކަރޭޖް) ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
ސްޓޯރޭޖް ނުވަތަ ޑެކަރޭޖް ފައިސާ އިސްޓޯލްމަންޓްގެ ދަށުން ދެއްކުމަށްދެވޭ މުއްދަތު އިތުރުކޮށްދިނުން
އެޕްމީއެލް އިން ބުނީ ސްޓޯރޭޖް ނުވަތަ ޑެކަރޭޖް ފައިސާ އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކުމަށްދޭ 4 މަހުގެ ބަދަލުގައި 1 އޭޕްރީލް އިން ފެށިގެން 30 ޖޫން އާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކަށް 6 މަސްދުވަސް ފައިސާ ދެއްކުމަށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު ހެދިފައިވާ އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން މާރޗް، އޭޕްރީލް އަދި މެއިމަހުގެ އިންސްޓޯލްމަންޓް ޖޫން އިން ފެށިންގެން ދައްކަން ފަށަންޖެހޭ ގޮތަށް ޑިފަރ ކުރެވިފައިވާކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓްގެ ސްޓޯރޭޖް (ޑެކަރޭޖް) އިން %50 ޑިސްކައުންޓް ދިނުން
1 އޭޕްރީލް 2020 އިން ފެށިގެން 30 ޖޫން 2020 ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓް އިން ކްލިއަރ ކުރާ ހުރިހާ ބާވަތެއްގެ މުދަލުގެ ސްޓޯރޭޖަށް (ޑެމަރޭޖަށް) އަރާ ޢަދަދުން %50ގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ބޮންޑެޑް ވެއަރ ހައުސްގެ ލައިސަންސް ފީ އިން %50ގެ ޑިސްކައުންޓެއް ދިނުން
އެމްޕީއެލް އިން ބުނީ 1 އޭޕްރީލް 2020 އިން ފެށިގެން 30 ޖޫން 2020 އަށް ބޮންޑް ލައިސެންސް ފީ އިން %50 ގެ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި ބަދަލާއެކު 1 އޭޕްރީލް އިން ފެށިގެން 30 ޖޫން އަށް، މި މުއްދަތުގައި ހިނގާ ކުލި ޖޫރިމަނާއާ ނުލައި ދެއްކުމުގެ މުއްދަތު 30 ޖޫން ގެ ނިޔަލަށް (3 މަސްދުވަހަށް ޑިފަރ ކުރުން) އިތުރުކޮށްދެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.