ކ. މާލެ
|
29 މާރޗް 2017 | ބުދަ 22:22
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް
މުހައްމަދު ޝަރުހާން
ގައުމީ ޓީމް
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
ކުޅުންތެރިން ކުރި މަސައްކަތަށް ސާބަސް
މެޗުގައި ބަދަލުތައް ގެނެވުނީ މާލަހުން

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް "ޑީ" ގައި އަންގާރަ ދުވަހުގެރޭ ފަލަސްތީން އަތުން ބަލިވުމުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފި އެވެ.

ރޭގެ މެޗުގައި ފަލަސްތީން އަތުން ރާއްޖެ ބަލިވީ 3-0 ލަނޑުންނެވެ. 

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ސްޓެވާޓް ބުނީ، މެޗުގެ ކޮންޓުރޯލް ގެއްލުނީ އެންމެ ފަސް މިނެޓުގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ޖުމްލަކޮށް ކުޅުންތެރިން ދެއްކި ކުޅުން ރަނަގަޅު ކަމަށެވެ.

ސްޓެވާޓް ބުނީ ރާއްޖެ ކޮޅަށް ފަލަސްތީނުން ޖެހި ފުރަތަމަ ލަނޑު ވަދެފައި ވަނީ އެވަގުތު މެޗަށް ދޭންޖެހޭ ސަމާލުކަން ކުޅުންތެރިންގެ ފަރާތުން ގެއްލިގެންދިޔަ ދަނޑިވަޅެއްގައި ކަމަށެވެ.

އޭނާ ބުނީ މެޗަށް ނުކުތީ މަދުވެގެން ޕޮއިންޓެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި މި މެޗުން ބަލިވުމުގެ ޒިންމާ ކުޅުންތެރިންގެ ބޮލުގައި އަޅުވަން ބޭނުންނުވާ ކަމަށް ސްޓެވާޓް ބުންޏެވެ.
ކޯޗު ބުނީ މެޗުގައި ގެންނަންޖެހޭ ބަދަލުތައް ލަސްވެގެން ދިޔަކަން ގަބޫލުކުރާ ކަމަށެވެ. 

މި މެޗުގެ ކުރިން މި ދެޓީމު ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލު ކޮށްފަ އެވެ. ފުރަތަމަ ފަހަރު 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލްންޖް ކަޕް ގައި ބައްދަލު ކޮށްފައިވާއިރު 2-0 ގެ ނަތީޖާއަކުން ފަލަސްތީން ވަނީ މޮޅުވެފަ އެވެ. ނަމަވެސް 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި ބައްދަލު ކުރި މެޗް ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ދެ ޓީމު އެއްވަރުވެގެން ނެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ދެން ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ ބޫޓާންގެ ތިމްޕޫ ގައެވެ. 

މިމުބާރާތުގެ ކޮލިފައިން ބުރުގައި ޖުމްލަ 24 ގައުމު ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދަނީ ހަ ގުރޫޕަކަށް ބަހާލައިގެން ނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ މޮޅު ދެ ޓީމު 2019 ވަނަ އަހަރު އެކުވެރި އަރަބި އިމާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ.

- ކޮމެންޓް