މިހާރު ކުރިއަށްދާ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފައިނަލްގެ ފަހު ޖާގަ ކިރިގިސްތާނުން ހޯދައިފި އެވެ.
ކިރިގިސްތާން ފައިނަލުން ޖާގަ ހޯދީ އަންގާރަ ދުވަހު ކުޅުނު މެޗުގައި ނޭޕާލްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. އެޓީމަކީ އެންމެ ފަހުން މި މުބާރާތުގެ ދެވަނަ މަގާމު ހޯދި ޓީމެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު 25-16 އިން ކާމިޔާބުކުރި އިރު ޖެހިގެން އައި ދެ ސެޓު ނިމިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ދެ ސެޓް ވެސް ކާމިޔާބުކުރީ ކިރިގިސްތާނުންނެވެ. އެއީ 25-23 އަދި 25-20 އިންނެވެ.
މެޗަށް ފަހު ކިރިގިސްތާން ޓީމްގެ ޖެނެރަލް ސެކްރެޓަރީ ކިލިޗް ސަރްބަގިޝިއޭވް ބުނީ އުއްމީދުކުރި ގޮތަށް ނޭޕާލްގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެއް ކަމަށާއި، އެހެން ނަމަވެސް މެޗަށް ނުކުތީ ވަރަށް އިތުބާރާއެކު ކަމަށެވެ.
ކިލިޗް ބުނީ އެޓީމުގެ ހުރިހާ ކުޅުންތެރިން ކޮންމެ މެޗެއްގައި ވެސް ތަފާތު ދައްކާ ކަމަށާއި، އަދި މި މެޗުގައި ކުޅުމަށް ފުރުސަތު ދިން ކުޅުންތެރިންގެ ފަރާތުން ވެސް އެކަން ފާހަގަވި ކަމަށެވެ.
އޭނާ ބުނީ ފައިނަލަށް ނުކުންނައިރު މިއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ތުރުކުމަނިސްތާނާ ދެކޮޅަށް ނުކުންނަން ކެތްމަދުވެފައި ހުރި ކަމަށެވެ.
މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވެ މުބާރާތާއި އަލްވަދާއު ކިޔާފައިވާ އިރު، ނޭޕާލަށް ވަނީ މުބާރާތުގެ ތިންވަނަ މަގާމު ލިބިފަ އެވެ.
މުބާރާތުގެ ފައިނަލްގައި ބުރާސްފަތި ދުވަހު ހަވީރު ކިރިގިސްތާން ނުކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ.