ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ފްރާންސްގެ ޕީއެސްޖީން މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ޕީއެސްޖީން ވަނީ އެ ގައުމުގެ ޗެރިޓީއަކަށް އެއް ލައްކަ ޔޫރޯ ހަދިޔާކޮށްފައެވެ. މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ކުޑަކުދިންނާއި، ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އިތުރަށް ގެދޮރުނެތް މީހުންނަށެވެ. މީގެ އިތުރަށް ފްރާންސްގެ ޑޮކްޓަރުންނަށްވެސް މި ފައިސާ ހޭދަކުރުމަށް ވަނީ ނިންމާފައެވެ.
ފްރާންސްގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މިހާތަނަށް އެގައުމުން 29،155 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެ ގައުމުން 1،696 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑް-19 އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ޕީއެސްޖީން މާލީ އެހީތެރިކަން ފޯރުކޮށްދިންއިރު، މި ވައިރަހުން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިންވެސް އަންނަނީ އެހީތައް ވަމުންނެވެ. އެގޮތުން ޔުވެންޓަސްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ވަނީ ހޮސްޕޮޓަލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ދާދި ފަހުން ބާސެލޯނާ އަށް ކުރިން ކުޅުނު އަދި އެ ޓީމަށް ކުރިން އިރުޝާދުދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކެޓަލޫނިއާގެ ހޮސްޕިޓަލްތަކަށް އެއް މިލިއަން ޔޫރޯ ހަރަދުކޮށްފައެވެ.
އަދި ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ޖަރުމަންގައި ހަދާފައިވާ ފަންޑަށް އެގައުމުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ޖަރުމަން ގައުމީ ޓީމުގެ ކުޅުންތެރިން ގުޅިގެން ވަނީ 2.5 މިލިއަން ޔޫރޯއަށްވުރެ ގިނަ ފައިސާ ހޯދާފައެވެ.
އަދި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ.
އަދި ދާދި ފަހުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ދީފައެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.