ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމުގެ ވައުދުގެ ތެރެއިން ނ. ހޮޅުދޫގައި ތަރައްގީކުރި ހިތްގައިމު ރީތި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ މިއީ މި ސަރުކާރުގެ ފަރާތުން ގާއިމުކުރި ފުރަތަމަ ފުޓްބޯޅަ ދަނޑު ކަމަށާއި މި ދަނޑުގެ ސަބް ބޭސް މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އިން ކަމަށެވެ. އަދި ދަނޑުގައި ޓާފް އަޅައިފައިވަނީ އަމީން ކޮންސްޓްރަކްޝަނުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އަޅުގަނޑުމެން މިދަނީ ދަނޑުތަކުގެ މަސައްކަތްތައް އަވަހަށް ނިންމާލެވޭތޯ ބަލަމުން. އެގޮތުން ކުރިޔަށް އޮތް ފަސް މަސް ދުވަހުގެތެރޭގައި އިތުރު 15 ދަނޑުގެ މަސައްކަތް ނިންމާލެވޭވަރުވާނެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 އަށް ވުރެ ގިނަ ދަނޑުގެ މަސައްކަތް އަމަލީ ގޮތުން ވަނީ ފެށިފައިކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް
ކުޅިވަރާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ ކުރިޔަށް އޮތް މަސް ދުވަހުގެ ތެރޭގައި ފ. ނިލަންދޫ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ވަރު ވާނެ ކަމަށާއި، އަދި ކުރިޔަށް އޮތް ފަސް މަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން 15 ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ވަރު ވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ ވައުދުފުޅުގެ ތެރެއިން މިހާރު ވެސް 40 ދަނޑުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.