މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ މުޅި ދުނިޔެ އާއި ރާއްޖެއަށް ކުރަމުން އަންނާތީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިން ބާއްވާ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އާއި އެމްއެންޔޫއެސްޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް ފަސްކުރުމަށް ނިންމައިފިއެވެ.
އެމްއެންޔޫއެސްޔޫއިން ބުނީ މި މުބާރާތް ފަސްކުރަން ނިންމީ ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެ އާއި ރާއްޖެއަށް ކުރަމުންދާތީ އާއި، މިދަނޑިވަޅުގައި ދިވެހިރާއްޖެއިން އަޅާފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިގުތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ ކަންކަމަށް ރިއާއަތްކޮށް ކަމަށެވެ.
މީގެއިތުރުން އެމްއެންޔޫއެސްޔޫއިން ބުނީ މި ދެ މުބާރާތް ފަސްކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަަމަށާއި، މި މުބާރާތް ބޭއްވޭނެ މުއްދަތު ފަހުން އިއުލާން ކުރާނެ ކަމަށެވެ.
އެމްއެންޔޫއެސްޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތަކީ ލާމު އަތޮޅުގެ މުއައްސަސާތަކަށާއި ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ 2017 އިން ފެށިގެން އެމްއެންޔޫއެސްޔޫއިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އަކީ ހަޔާ އެޑިއުކޭޝަން ސެކްޓާގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި ކޮންމެ އަހަރަކު ވެސް ދެ ޑިވިޝަނުން 20 އަށްވުރެ ގިނަ ޓީމުތައް ބައިވެރިވެއެވެ. އަދި މި މުބާރާތަކީ 2013 އިން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެކެވެ.