ޔޫރަޕްގެ ހައުސްހޯލްޑް ނުވަތަ ހޯމްއިމްޕްރޫވްމެންޓް ޕްރޮޑަކްޓްތަކާ އެކު ނަމްސްގެ އާ ފިހަރާހެއް މާލޭގައި ހުޅުވައިފިއެވެ.
"ފެންސީ މެގަ" ގެ ނަމުގައި ސޯލްޓްކެފޭ ތިރީގައި ހުޅުވި މި ފިހާރައާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ ޑައިރެކްޓަރު އަލީ ޝިޔާޒް ވިދާޅުވީ އަލަށް ހުޅުވި ނަމްސްގެ ފިހަރައަކީ ގެ އަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އެއްތަނަކުން ލިބިގެންދާނެ ފިހާރައެއް ކަމަށެވެ.
އެގޮތުން އަލީ ޝިޔާޒް ވިދާޅުވީ މި އާ ފިހާރާގައި މުޅިން ވެސް ހުންނާނީ އޮރިޖިނަލް ޕްރޮޑަކްޓްތައް ކަމަށެވެ. އޭގެތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޔޫރަޕްގެ ބްރޭންޑެއް ކަމަށްވާ ސެވަރިން ބްރޭންޑްގެ ޕްރޮޑަކްޓްތައް ހިމެނޭ ކަަމަށް އަލީ ވިދާޅުވިއެވެ.
އަގުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ފިހަރާއިން ލިބެން ހުރީ ޔޫރަޕްގެ ޕްރޮޑަކްތައް ކަމަށް ވީނަމަވެސް ތަކެތީގެ އަގު ހުންނާނީ އަތްފޯރާފަށުގައި ކަމަށެވެ. އަދި ހަފްތާއެއް ވަންދެން ވިޔަފާރި ކުރާ ފަރާތްތަކަށް ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ރޯދަ މަހަށް ހާއްސަކޮށްގެން ވަރަށް ހާއްސަލަ ސޭލެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަލީ ވިދާޅުވީ ކުރިއަށްތަނުގައި ފިހަރައިން ގިނައަދަެއްގެ ސާމާނު އެއްފަހަރާ ގަންނަ ފަރާތްތަކަށް އެ ތަކެތި ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދޭނެ ކަމަށެވެ. އަދި އަކަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ނަމްސްގެ ފަރާތުން ހުޅުވި މި އާ ފިހަރާގައި ލިބެން ހުންނަ ތަކެތީގެ ތެރޭގައި އިސްތިރިކުރާ މޭޒާއި ބަދިގެން ބޭނުންވާ ބައެއް ސާމާނުތަކާއި ރިސޯޓްތަކަށް ބޭނުންވާ ސާމާނުގެ އިތުރުން ގޭތެރެ ފޮޅާ ސާފަކޮށް ޒީނަތްތެރި ކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ގިނަ ސާމާނުތައް ހިމެއެވެ.