ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ޔުވެންޓަސްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ ޕޯޗުގަލްގެ ދެ ސަރަހައްދެއްގެ ހޮސްޕިޓަލަކަށް އެހީވެފައެވެ. އެގޮތުން ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ވަނީ ޕޯޗުގަލަށް އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. އަދި މެސީގެ ފަރާތުން ވެސް އެހީގެ ގޮތުގައި އެއް މިލިއަން ޔޫރޯ ހަރަދުކުރަން ވަނީ ނިންމާފައެވެ. އެގޮތުން މެސީ އެހީވެފައިވަނީ ސްޕެއިންގެ ބާސެލޯނާގެ ހޮސްޕިޓަލެއްގެ އިތުރުން އާޖެންޓީނާގެ ހޮސްޕިޓަލަކަށެވެ.
ކޮވިޑް-19 އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ރޮނާލްޑޯ އާއި މެސީ މާލީ އެހީތެރިކަން ފޯރުކޮށްދިންއިރު، މި ވައިރަހުން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިން އަންނަނީ އެހީތައް ވަމުންނެވެ. އެގޮތުން ދާދި ފަހުން ބާސެލޯނާ އަށް ކުރިން ކުޅުނު އަދި އެ ޓީމަށް ކުރިން އިރުޝާދުދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކެޓަލޫނިއާގެ ހޮސްޕިޓަލްތަކަށް އެއް މިލިއަން ޔޫރޯ ހަރަދުކޮށްފައެވެ.
އަދި ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ޖަރުމަންގައި ހަދާފައިވާ ފަންޑަށް އެގައުމުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ޖަރުމަން ގައުމީ ޓީމުގެ ކުޅުންތެރިން ގުޅިގެން ވަނީ 2.5 މިލިއަން ޔޫރޯއަށްވުރެ ގިނަ ފައިސާ ހޯދާފައެވެ.
އަދި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ.
އަދި ދާދި ފަހުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ދީފައެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.