އަންގާރަ ދުވަހުގެ ރޭ ފްރާންސާއި ސްޕެއިން ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗު 0-2 ގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބުކޮށްފިއެވެ.
ފްރާންސްގައި ކުޅުނު އެކުވެރިކަމުގެ މި މެޗުގައި ވަނީ ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ. އެއީ މެޗުގައި ހެދޭ ގޯސްތައް ވީޑިއޯ ޓެކްނޮލޮޖީގެ އެހީތެރިކަމާއިއެކުގައި ރަނގަޅު ކުރުމަށެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅެވުނު މިމެޗުގައި ސްޕެއިންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާއެވެ. މި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ލަނޑަކީ ޖެރާޑް ޑެލޮފޭއު ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މިމެޗުގައި ފްރާންސް އިންވެސް ލަނޑެއް ޖަހާފައިވެއެވެ. އެގޮތުން އެންޓޮއިން ގްރީޒްމަން ޖަހައިދިން ލަނޑުވަނީ އޮފްސައިޑް ލަނޑަކަށް ނިންމާފައެވެ. އެ ލަނޑު އެގޮތަށް ނިންމީ އަލަށް ތަޖުރިބާކުރި ޓެކްނޮލޮޖީގެ އެޙީގައެވެ.
ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި މެޗުގައި ދެކަމެއް ރަނގަޅުކޮށްފައިވެއެވެ. އެގޮތުން ގްރީޒްމަންގެ ލަނޑު އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ ޓެކްނޮލިޖީގެ އެހީތެރިކަމާ އެކު އެވެ.
މީގެ އިތުރުން ސްޕެއިންގެ ދެވަނަ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައިވަނިކޮށް އެނިމުން ބަދަލުކުރީ ވީޑިއޯ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކުއެވެ.
މީގެކުރިންވެސް ވީޑިއޯ ޓެކްނޮލޮޖީ ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ކްލަބް ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވީޑިއޯ ޓެކްނޮލޮޖީގެ އެހީތެރިކަން ފީފާއިން ވަނީ ހޯދައިފަ އެވެ.
ފީފާއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ރަޝިއާގައި އޮންނަ ވޯލްޑްކަޕް މުބާރާތުގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅެވުނު އެހެނިހެން ރަހުމަތްތެރިކަމުގެ މެޗުތަކަށް ބަލާއިރު، ސްވިޑެން އިން ވަނީ ޕޯޖުގަލް ބަލިކޮށްފައެވެ. މިމެޗު ސްވިޑެން އިން ކާމިޔާބުކުރީ 3-2 ނެވެ.
ރަޝިއާ އާ ބެލްޖިމްގެ ކުރިމަތިލުން ނިމިފައިވަނީ 3-3 އިން އެއްވަރު ވެގެންނެވެ. އަދި ބޮޑެތި ގޮޖެހުންތަކެއް ކުރިމަތިވަމުން އަންނަ ނެދަލެންޑްސް ވަނީ އިޓަލީ އަތުން 2-1 އިން ބަލިވެފައެވެ.