މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ދީލަތި އެހީއެއް ވެއްޖެ އެވެ.
ޖަރުމަން ގައުމީ ޓީމުގެ ލިއޯން ގޮރެޓްޒްކާ އާއި ޖޯޝުއާ ކިމިޗް ވަނީ ގުޅިގެން ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ފަންޑެއް ހުޅުވާފައެވެ. މި ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށާއި އެހީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދެއެވެ. މި ފަންޑު ލިއޯން ގޮރެޓްޒްކާ އާއި ޖޯޝުއާ ކިމިޗް ހުޅުވީ އެ ދެ ކުޅުންތެރިން ގުޅިގެން އެއް މިލިއަން ޔޫރޯ ފަންޑަށް ލުމަށްފަހު އެވެ.
މި ފަންޑަށް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި އޭނާގެ އަންހެނުން ވަނީ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. މިއާއެކު މި ފަންޑަށް މިހާތަނަށް 2.5 މިލިއަން ޔޫރޯ އަށްވުރެ ގިނައިން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފަންޑަށް ފައިސާ ހަދިޔާކުރި ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު މެނުއެލް ނޯޔާގެ އިތުރުން ލެރޯއި ސާނޭވެސް ހިމެނެއެވެ.
ޖަރުމަން ކުޅުންތެރިންގެ އިތުރުން ކޮރޯނާވައިރަސް (ކޮވިޑް-19) އިން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިން އަންނަނީ އެހީތައް ވަމުންނެވެ. އެގޮތުން ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ.
މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ. އަދި ދާދި ފަހުން ދުނިޔޭގެ ފުތްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ދީފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.