މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު އުމުރުން 18 ޑެނިއަލް މަލްޑިނީ ޕޮޒިޓިވްވެއްޖެ އެވެ.
އޭސީ މިލާނުން ވަނީ މިހާރު އެޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ޕައުލޯ މަލްޑިނީ އާއި އެޓީމުގެ މިޑްފީލްޑަރު ޑެނިއަލް މަލްޑިނީ ވައިރަހަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް މިހާރު ހުރީ އައިސޮލޭޝަނުގައި ކަމަށާއި، އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާވެސް ވަނީ ދާދި ފަހުން މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
އިޓަލީގެ ގިނަ ކުޅުންތެރިންތަކެއް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، އިޓަލީގައި ކުރިޔަށްދާ ކުޅިވަރު ހަރަކާތްތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.
މުޅި ދުނިޔޭގައިވެސް މިހާރު ކޮރޯނާވައިރަސް (ކޮވިޑް-19) އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެއް ގައުމަކީ އިޓަލީއެވެ. އެގޮތުން އެ ގައުމުގެ 53،000 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، އެ ގައުމުން 4،825 މީހުން ވަނީ މަރުވެފައެވެ. މި ވައިރަހުގެ ސަބަބުން އެންމެ ގިނަ މީހުން މިހާތަނަށް މަރުވި ގައުމަކީވެސް އިޓަލީ އެވެ.