މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެ އެވެ.
އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވްވިކަން އެ ކްލަބުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މި ވައިރަހަށް ޕޮޒިޓިވްވީ ޕޯޓްސްމަތުގެ ޖޭމްސް ބޮލްޓޮން، އެންޑީ ކެނަން އަދި ސީން ރެގެޓް އެވެ. މިހާރު މި ތިން ކުޅުންތެރިން އައިސޮލޭޝަނަށް ލާފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.
ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، މި މަހުގެ ތިންވަނަ ދުވަހު އަމިއްލަ ދަނޑުގައި އެޓީމުން ވަނީ އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި އާސެނަލާ ބައްދަލުކޮށްފައެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ އޭގެ ފަހުން މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، އިންގެލެންޑުގައި ވަނީ އޭޕްރީލް 30 ގެ ނިޔަލަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައެވެ. މީގެ ކުރިން ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
އިނގިރޭސިވިލާތުން 4،000 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ވައިރަސް ޖެހިފައިވާއިރު، މި ވައިރަހާ ގުޅިގެން އެގައުމުން ވަނީ 177 މީހުން މަރުވެފައެވެ.