ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވެ ވައިރަހުގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ ގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް ފަންޑެއް ހުޅުވައިފިއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް މަޝްހޫރު ގިނަ ކުޅުންތެރިން ފަންޑު ހުޅުވަމުންދާއިރު ދާދި ފަހުން ފީފާއިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ޑަބްލިއުއެޗްއޯއަށް ދީފައެވެ. މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕޯލް ޕޮގްބާ ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ. އަދި ޖަރުމަންގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 2.8 މިލިއަން ޑޮލަރުގެ އެހީއެއް ވެފައެވެ.
އިބްރަހިމޮވިޗް ހުޅުވި ފަންޑު މެދުވެރިކޮށް އާންމުންގެ އިތުރުން ހޮސްޕިޓަލްތަކަށް ބޭނުންވާ ތަކެތި ގަތުމަށް އެހީވާނެއެވެ.
އިބްރަހިމޮވިޗް ބުނީ އޭނާ ހުޅުވި ފަންޑަށް އެއް މިލިއަން ޔޫރޯ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އަދި ފަންޑު މެދުވެރިކޮށް ވައިރަސް އާއި ހަނގުރާމަ ކުރާ ފަރާތްތަކަށް އެކިވަރުގެ އެހީ ލިބިގެންދާނެ ކަމަށެވެ. އިބްރަހިމޮވިޗް ވަނީ ފަންޑު ހުޅުވުމުގެ ގޮތުން އެއްލައްކަ ޔޫރޯ ފަންޑަށް ލައިފައެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ވަނީ ފަސްކޮށްފައެވެ. މިއަހަރުގެ ހޫނު މޫސުމުގައި ބެއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ އާއި ކޮޕަ އެމެރިކާ ފަސްކުރުމާއެކު، ލީގު މެޗުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.