ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހުންގެ ތެރެއިން ދެ މީހަކު ރިކަވަރވެއްޖެ ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ އައިޖީއެމްއެޗް ގައި ފަރުވާދެމުންދިޔަ ދެމީހުންވެސް މިހާރު ބައްޔަށް ނެގެޓިވް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ޕްރޮޓޮކޯލްގެ ދަށުން އެމީހުން "ޑިސްޗަރޖު" ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އައިސޮލޭޝަންގެ ކަންތައްތައް ވެސް ޕްރޮޓޮކޯލް ގެ ތެރެއިން ކުރެވޭނެ ކަމަށެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ މިމަހުގެ 10ގައި ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ބަދަލުކުރެވުނު 70 އަހަރުގެ މީހާގެ ކޭސް އަކީ 'ސިވިއަރ ނިއުމޯނިއާ' ގެ ކޭސްއެއް ކަމަށެވެ. އުމުރުންދުވަސް ވުމާއި ފުއްޕާމޭގެ ދެފަރާތުގައި ނިއުމޯނިއާ ހުރުމަކީ މީހާގެ ހާލަތު ވަރަށް ބޮޑަށް ދެރަކޮށްލާނެ ހާލަތެއްކަން ފާހަގަކުރައްވާ ޑރ ވިދާޅުވީ ފުރަތަމަ ތިން ދުވަހު އެމީހާގެ ހާލު ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަމަށެވެ.
ނަމަވެސް އެންޓިވައިރަލް ބޭނުންކޮށްގެން އޭރުވެސް އޭނާއަށް ފަރުވާދެމުންދިޔަ ކަމަށެވެ. އަދި ފަސްވަނަ ދުވަހު އޭނާގެ ހާލު ރަނގަޅުވާން ފެށިކަން ފާހަގަކުރައްވާ ޑރ ވިދާޅުވީ އާލާމްތައް ފެންނަން ފެށިތާ 14 ވަނަ ދުވަހު، ބުރާސްފަތި ދުވަހު ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވް ވިކަމަށެވެ. އަދި ހުކުރު ދުވަހު ހެދުނު ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ.
ޑރ. މޫސާ ވިދާޅުވީ 14 ދުވަހުގެ މުއްދަތުގެތެރޭގައި ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުން ނައިސް، ބަލި މީހާގެ ހާލަތު ރަނގަޅުވެ، ދެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ނަމަ އެމީހާ ކަނޑައެޅިގެންދާނީ ބަލިން ރަނގަޅުވެފައި ހުރި މީހެއްގެ ގޮތުގައި ކަމަށެވެ.
ޑރ ވިދާޅުވީ އެ މީހާ ހޮނިހިރު ނުވަތަ އާދީއްތަ ދުވަހު 'ޑިސްޗަރޖު' ކުރުމަށް ގަސްތުކުރައްވާކަމަށާއި ޑަބްލިއުއެޗްއޯގެ މިންގަޑުތަކާއި އެއްގޮތަށް 'ސިވިއަރ ނިއުމޯނިއާ' ގެ ކޭސްއެއް ހުރުމުން 14 ދުވަހުގެ އައިސޮލޭޝަންއަށް ދާނެ ކަމަށެވެ.
ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ޑރ މޫސާ ވިދާޅުވީ އެމީހާ 30 ދުވަހަށް މޮނީޓަރ ކުރަން ބޭނުންވާ ކަމަށެވެ. ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު އޮތުމުން އިތުރަށް ހަދަން ޖެހޭ ޓެސްޓުކުރާނެ ކަމަށާއި ގައުމަށް ފޮނުވާލާނީ އޭގެ ފަހުން ކަމަށް ވެސް ޑރ ވިދާޅުވިއެވެ.