ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް އެޓީމުގައި މަޑުކުރާނެ ކަމަށް ބްރެޒިލްގެ ފޯވާޑް ވިލިއަން ބުނެފި އެވެ.
ޗެލްސީއާއެކު ވިލިއަން ހަދާފައިވާ އެއްބަސްވުން ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވާނެ އެވެ. އެކަމަކު މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައިވުމުން، ޖޫން މަހުގެ ނިޔަލަށް ލީގުގެ ކުޅުން ނިމޭނެ ކަމަށް ނުބެލެވެއެވެ.
ދާދި ފަހުން މީޑިއާއ ވާހަކަދައްކަމުން ވިލިއަން ބުނީ ލީގުގެ ކުޅުން ޖޫން 30 ގެ ނިޔަލަށް ނުނިމުނު ނަމަވެސް، ސީޒަން ނިމެންދެން އެޓީމުގައި މަޑުކުރާނެ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި އެއްބަސްވުން ހަމަވުމާއެކު ޓީމު ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން ވަނީ މީގެ ކުރިން ވިލިއަންގެ އެއްބަސްވުން އާކުރަން މަސައްކަތް ކޮށްފައެވެ. އެކަމަކު ވިލިއަން އަށް ކުރު މުއްދަތެއްގެ އެއްބަސްވުމެއް ހުށަހެޅުމުން، އެ އެއްބަސްވުން ގަބޫލުނުކުރަން ވިލިއަން ވަނީ ނިންމާފައެވެ.
އެހެންކަމުން ހޫނު މޫސުމުގެ ޓްރާންސްފާގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ އެހެން ކްލަބަކަށް ބަދަލުވުން ގާތެވެ. ވިލިއަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޓޮޓެންހަމް ހޮޓްސްޕާސް އާއި ބާސެލޯނާގެ އިތުރުން ޔުވެންޓަސް އިންނެވެ.
ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 329 މެޗުގައި 59 ލަނޑު ކާމިޔާބު ކޮށްފައެވެ.
ވިލިއަން ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.