ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރޯގާގެ ސަބަބުން ސްރީލަންކާއަށް އެތެރެވުމަށް އެއްވެސް ބާވަތެއްގެ ވިސާ ދޫކުރުން އެޤައުމުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި އެޤައުމުގައި ތިއްބާ ވިސާ ހަމަވާ ދިވެހިންނަށް އިތުރު 30 ދުވަހު ލަންކާގައި ތިބުމުގެ އިންތިޒާމު އެޤައުމުން ހަމަޖައްސައިފިއެވެ.
ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ 14 މާރިޗުން 12 އޭޕްރިލް އާ ދެތެރޭ އެ ޤައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށެވެ.
މިގޮތުން، މަތީގައި ބަޔާންކޮށްފައިވާގޮތަށް ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓުގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، 8 ނޫނީ 9 އޭޕްރިލް ގައި ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޜަން އަށް ހާޒިރު ވުމަށް ވެސް ވަނީ އެދިފައެވެ.
މި އިންތިޒާމުގެ ދަށުން ސްރީލަންކާގައި މިވަގުތު ކުރު މުއްދަތުގައި ވިސާ އަދި ރެޒިޑެންޓް ވިސާގައި ތިބި ދިވެހިންނަށްވެސް އެއްވެސް މައްސަލައެއް ނެތި އިތުރު 30 ދުވަހުގެ ވިސާ ހަމަޖެހިގެންދާނެއެވެ. އަދި ބައިނަލްއަޤުވާމީ ފްލައިޓުތައް މެދުކަނޑާލުމާ ގުޅިގެން ދަތުރުކުރުމުގައި ދަތިތައް ދިމާވި ފަރާތްތަކަށް ކުރިމަތި ވިސާގެ މައްސަލަތަކަށްވެސް ވަނީ ހައްލު ލިބިގެން ގޮސްފައެވެ.
މީގެ އިތުރުން 1 މާރިޗުން 15 މާރިޗު އާ ދެމެދު، އިރާން، ދެކުނު ކޮރެއާ އަދި ޔޫރަޕުގެ އެއްވެސް ޤައުމަކުން ސްރީލަންކާއަށް ދަތުރުކުރުމަށްފަހު މިވަގުތު އެޤައުމުގައި ތިބި ހުރިހާ ފަރާތްތައް، ވީ އެންމެ އަވަސް ފުރުސަތެއްގައި އެފަރާތާ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަންގައި ނޫނީ 119 ކޯލް ސެންޓަރ އަށް ގުޅައިގެން ރެޖިސްޓަރ ކުރުމަށްވެސް ވަނީ އަންގާފައެވެ.