ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ، ބޭރުގައި އުޅޭ މީހުން ބަލަމުންދާނެ ކަމަށާއި އެ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެކަން ހާމަކުރީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށްދާ ޕްރެސްކޮންފަރެންސްގައެވެ.
އެ ޕްރެސްކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ޝޯޝަލް ޑިސްޓެންސިންއަށް އެއްބާރުލުންދިނުމުގެގޮތުން ޒަރޫރީ ބޭނުންތަކުގައި ނޫންގޮތަށް މަގުމައްޗަށް ނިކުމެއުޅޭ ފަރާތްތައް ބުރާސްފަތި ދުވަހުން ފެށިގެން ބަލަމުންދާނެ ކަމަށާއި، އަދި އެ ފަރާތަތްކަށް ނަސޭހަތްދީ ގެއަށް ފޮނުވާލެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަން ކުރިޔަށް ގެންދަނީ އެއްވެސް ރައްޔިތުންގެ ބަޔަކު ކުށްވެރިކޮށް ފިޔަވަޅު އަޅަން ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ނަސޭހަތްތެރިވެ އޮޅުންފިލުވައި ދިނުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
އަޅުގަނޑުމެން އިލްތިމާސް ކުރަން ޒަރޫރީ ބޭނުންތަކުގައި ނޫނީ މަގުމަތީގައި ނޫޅެން
ފުލުހުން މިވަގުތު ހިންގަމުންދާ އޮޕަރޭޝަންތަކުގެ އިތުރު މައުލޫމާތުދެއްވަމުން ނަވީން ވިދާޅުވީ، މިވަގުތު ފުލުހުން ގެންދަނީ 19 ތަނެއް މޮނިޓަރ ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި، ރިސޯޓުތަކާއި، ރަށްރަށާއި، ގެސްޓް ހައުސްތަކާއި، އިމާރާތްތަކުގެ އިތުރުން އަދި އެހެނިހެން ތަންތަނުގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ތަކުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. ފުލުހުން ދަނީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތުގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދުގެ ކައިރީގައި ފުރާ އުޅަނދުތައް ބަލަހައްޓަމުންނެވެ.
ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ފުލުހުންނާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް (އެންޑީއެމްއޭ) އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުންދާ ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ޕްރެސް ކޮނަފްރެންސް ގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ، ރަށްރަށުގައި ފުލުހުން އިތުރުކޮށް ޑިއުޓީތަކަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ރަށްރަށުގައި މައިޒާންތަކާއި، ޖޯލިތަކުގައި މީހުން ގިނަވެއްޖެނަމަ އެ ފަރާތްތަކަށް ނަސޭހަތްދީ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.