ކޯވިޑް-19 އަށް އަށް ތަނަކުން ނެގުނު ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށް ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އިތުރު 8 ތަނަކުން ޓެސްޓްކުރެވުނު ސާމްޕަލް ނެގެޓިވް ކަމަށެވެ.
ނެގެޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ޓެސްޓް ހެދި މީހާއާއި، ބެންގަލޫރުން އައި ދިވެހި މީހާ އާއި، އަނަންތަރާ ކިހާވަށް ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ މީހާ އާއި، މައި ސްކައި ޔޮޓުން ސާމްޕަލް ނެގުނު މީހާ އާއި، ފުރަވެރި ރިސޯޓުން ސާމްޕަލް ނެގުނު ދެ ބިދޭސީންގެއެވެ.
މާލޭ ފްލޫ ކްލިނިކުން ސާމްޕަލް ނެގުނު 121 ފަރާތެއްގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ގިލިލަންކަން ފުށީން ސާމްޕަލް ނެގުނު ދެމީހެއްގެ ނަތީޖާ ވެސް ނެގެޓިވް ކަމަށާއި ގިލިލަންކަންފުށީ މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ފައިނު ، އުކުޅަސް، ކުޑަހުވަދޫ، ހިންނަވަރު އަދި ހިތަދޫ މި ރަށްތަކުގެ ސާމްޕަލްތައް ލެބޯޓްރީއަށް ލިބިފައި ވަނީ ބުދަ ދުވަހުގެ ހެނދުނު ކަމަށާއި މި ސާމްޕަލް ތަކުގެ ނަތީޖާ ލިބުނުހާ އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރިޔު ހެޓެލްގެ ނަތީޖާ ވެސް ވަނީ ޕެންޑިންގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަފާސްހިސާބުތައް:
ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެއް
ވިލިވަރު ކަރަންޓީން ފެސިލިޓީ - 25
ހުޅުލެ އައިލެންޑް ހޮޓެލް ކަރަންޓީން ފެސިލިޓީ - 57
ފަރުކޮޅު އައިސޮލޭޝަން - 15
ޑީއެޗް 11 - 2
ވެލިދޫ - 0
ފަން އައިލެންޑް ރިސޯޓް ކަރަންޓީން އަދި އައިސޮލޭޝަން އަށް ބޭނުންކުރަން ޓުއަރިޒަމް މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށާއި ނަމަވެސް އެރަށުގައި އަދި އެއްވެސް ފަރާތެއް ނެތް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.