ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަންގާ އެންގުންތަކައި ޚިލާފްވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.
ބުދަ ދުވަހު އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޮވިޑް -19 އިތުރަށް ފެތުރުން ހުއްޓުވައި، އާންމު ސިއްޚަތު ރައްކައުތެރިކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެގޮތުން އަންގާ އެންގުންތަކާއި ޚިލާފްވާ ކޮންމެ ޚިލާފްވުމަކީ އާންމު ސިއްޙަތަށް ނުރައްކައުވާ ހާލަތަކަށް މުޖްތަމައުގެ އެހެން ފަރާތްތައް ހުށަހެޅިގެންދާނެ ކަމެއް ކަމުގައިވާތީ، އެއިން އެންގުމަކާއި ޚިލާފްވާ ކޮންމެ ފަރާތަކާއި މެދު އާންމު ސިއްޚަތު ރައްކައުތެރިކުރުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅު ތަކަކީ:
- އާންމު ސިއްޚަތު ރައްކައުތެރި ކުރުމުގެ ޤާނޫނުގެ 17 ވަނަ މާޢްދާގެ (ށ) ގެ ދަށުން 5000 ރުފިޔާއަށް ވުރެން ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން
- އާންމު ސިއްޚަތު ރައްކައުތެރިކުރުމުގެ ޤާނޫނުގެ 82 ވަނަ މާއްދާއަށް ރިއާޔަތްކޮށް އިސްވެ ދެންނެވި އެންގުމަކާއި ޚިލާފްވާ ފަރާތްތަކުގެ ނަން އާންމުކޮށް ހާމަކުރުން
އެޗްޕީއޭ އިން އަންގާ އެންގުންތަކަކީ ދިވެހިރާއްޖެއިން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކޮވިޑް-19 ޖެހިފައިވާ މީހަކު ނުވަތަ އެބަލި ޖެހިދާފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހަކު، ޤާނޫނު ނަމްބަރު 2012/7 ( އާންމު ސިއްޚަތު ރައްކައުތެރި ކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަމްބަރުގެ ދަށުން ކަރަންޓީން ކުރުމަށް ނުވަތަ އެފަދަ މީހަކު ނުވަތަ އެފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު، އެބަލި އިތުރަށް ފެތުރުން ހުއްޓުވައި، އަންގާ އެންގުމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.