އިލެކްޝަންސް ކޮމިޝަން(އީސީ) ގެ މެންބަރުކަމަށް އަޙްމަދު އަކްރަމް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ވޯޓުންނެވެ.
އަކްރަމް ޢައްޔަނުކުރުމަށް އެމްޑީޕީން ވަނީ ޓޫލައިން ވިޕެއް ނެރެފަ އެވެ.
އީސީއަށް މެންބަރަކު ޢައްޔަނުކުރުމަށް ރައީސް ފޮނުއްވެވި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ރިޕޯޓުގައިވެސް ކުރީގައި އުޅުއްވަނީ އަކްރަމް އެވެ.
ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކުރެވުނު ނަންތައް:
އަހުމަދު އަކްރަމް (12 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވި)
އަހުމަދު ފަޔާޒް ހަސަން (11 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވި، އެއް މެންބަރުންގެ އިންޓަވިއުގައި ބައިވެރިވެވަޑައެއް ނުގަންނަވާ)
މަރިޔަމް ހަނީފާ ޚާލިދު (11 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވި، އެއް މެންބަރުންގެ އިންޓަވިއުގައި ބައިވެރިވެވަޑައެއް ނުގަންނަވާ)
އަހުމަދު މަންސޫރު (10 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވި، ދެ މެންބަރުންގެ އިންޓަވިއުގައި ބައިވެރިވެވަޑައެއް ނުގަންނަވާ)
އިލެކްޝަންސް ކޮމިޝަނުގައި އަކްރަމް އަދާކުރަމުންދާ މަޤާމުގެ މުއްދަތު މި މާރޗު މަހުގެ 23 ވަނަ ދުވަހަށް ހަމަވާނެ އެވެ. އެހެންކަމުން އަކްރަމް މިވަނީ ދެވަނަ ދައުރަކަށްވެސް އެކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތި ލައްވާފަ އެވެ.
އަކްރަމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އަމާންކަމާއި އޮމާންކަމާއެކު ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަނުގައި އިސް ދައުރެއް އަދާކުރެއްވި އެކޮމިޝަނުގެ މެންބަރުގެ އިތުރުން ތަރުޖަމާނު ވެސް މެއެވެ.