ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން އުނިކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު 2 ޖަހާއިރު ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ބުދަ ދުވަހުގެ ޖަލްސާފައި ވިދާޅުވެފައެވެ.
ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން އިޢުލާންކުރައްވަމުން ވިދާޅުވީ މިއީ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ނިންމެވި ނިންމުމެއް ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް މެދެކަނޑާލަން ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 247 ވަަނަ މާއްދާގެ ދަށުން ރިޔާސާތައް ލިބިދޭ ބާރުގެ ތެރެއިންނެވެ.
ޖަލްސާތައް މި ވަގުތަށް މެދުކަނޑާލަން ނިންމެވި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް ބާއްވަން ދަންނަވަން ޖެހިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިފަދަ ދެންނެވުމަކަށް ތައްޔާރުވެ ތިއްބެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސްކުރެއްވިއެވެ.
އެގޮތުގެމަތިން މިއަދު 2 ޖަހާއިރު ބާއްވާ ޖަލްސާއަށް މެމްބަރުންގެ މުސާރައިގެ މައްސަލާގައި މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށް އެޖެންޑާކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްވެސް އެޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރައިން %20 އުނިކުރުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން އެދުމަށް ނިންމާ އެމައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވީ އެމްޑީޕީ ޕީޖީ ގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއެވެ.