ކޯވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިިގެން، ސުޕްރީމް ކޯޓުން ވެސް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ހަފުތާއަށް އަޑުއެހުންތައް ނުބާއްވާ ގޮތަށް ނިންމައިފި އެވެ.
މިއީ ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމެވި ނިންމެވުމެކެވެ.
ސުޕްރީމް ކޯޓުން ބުނީ، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓުގައި ތާވަލް ކޮށްފައިވާ އަޑުއެހުންތައް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެ އަޑުއެހުންތައް ވީއެންމެ އަވަހަކަށް ތާވަލް ކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމުމާއެކު ދައުލަތުގެ ތިންބާރުގެ ރަސްމީ މަސައްކަތްތައް މިވަނީ މަޑުޖައްސާލާފަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
ހާއްސަ ހާލަތެއްގައި މެނުވީ ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހަށް މެދުކަނޑާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބުދަ ދުވަހުގެ ޖަލްސާގައި މިވަނީ އިއުލާން ކުރައްވާފަ އެވެ.
ކޮވިޑް-19 އިން ރާއްޖެ ސަލަމާތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އާންމު ރައްޔިތުން ބޭރުގައި އުޅުން މަދުކޮށް، ގޭގައި މަޑުކުރުމަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވަމުންދާއިރު، އާންމު ސިއްހަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންއީއޯސީން ދަނީ އަންގަމުން ނެވެ.