ލަގްޒަރީ އުފެއްދުންތަކަށް މަޝްހޫރު ލުއީ ވުޠާން އިން ސެންޓު އުފެއްދުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، ހޭންޑް ސެނިޓައިޒަރ އުފައްދަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.
ލުއީ ވުޠާން ބްރޭންޑުގެ އޯނަރުު އެލްވީއެމްއެޗް އިން ބުނީ، މިއީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ފަރަންސޭސްވިލާތުގައި އެންޓި-ވައިރަލް އުފެއްދުންތައް ލިބުން ދަތިވުމާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ސެނިޓައިޒަރ ކަމާއިބެހޭ އިދާރާތަކަށް ފޯރުކޮށްދޭނީ ހިލޭ ކަމުގައިވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެލްވީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުނީގެ ސެންޓުތަކާއި ކޮސްމެޓިކްސް އުފައްދާ ހުރިހާ ޕްރޮޑަކްޝަން ލައިނެއް ހޯމަ ދުވަހުން ފެށިގެން ބޭނުކުރާނީ ހައިޑްރޯއަލްކޮހޯލިކް ޖެލް (ހޭންޑް ސެނިޓައިޒަރ) އުފެއްދުމަށް ކަމަށެވެ.
އެލްވީއެމްއެޗްގެ ކާރުޚާނަތަކުން ޢާންމު ގޮތެއްގައި އުފައްދަނީ ކްރިސްޓިއަން ޑިއޯ އަދި ޖިވާންޗީގެ އަގުބޮޑު ސެންޓާއި ކޮސްމެޓިކްސްއެވެ. އެލްވީއެމްއެޗްގެ ކުޑައިގެ ދަށުގައި ހިމެނޭ އެހެނިހެން މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ގަޑި ބްރޭންޑެއް ކަމުގައިވާ ޓެގް ހަޔަރ އާއި ގަހަނާ އާއި ސެންޓު ބްރޭންޑެއް ކަމުގައިވާ ބުލްގާރީ ހިމެނެއެވެ.