އިޓަލީގެ ޔުވެންޓަސްގެ ޑިފެންޑަރ ބްލެއިޒް މަޓުއިޑީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.
މަޓުއިޑީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިކަން ޔުވެންޓަސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޔުވެންޓަސްއިން ނެރުނު ބަޔާނުގައި ބުނީ މަޓުއިޑީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާގެ ފަރުވާގެކަންކަަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ޔުވެންޓަސްއިން ބުނީ އެޓީމުގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމުން މަޓުއިޑީ 11 މާޗުން ފެށިގެން ހުރީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި މިވަގުތު މަޓުއިޑީގެ ހާލު ގޯސް ނޫން ކަމަށްވެސް ޔުވެންޓަސްއިން ބުނެއެވެ.
ޔުވެންޓަސްގެ ދެ ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާއިރު، އިޓަލީން މިބައްޔަށް ޕޮޒިޓިވްވި ކުޅުންތެރިންގެ އަދަދު 12 އަށް ވަނީ އަރައިފައެވެ. އަދި އިޓަލީގައި ކުރިޔަށްދާ ކުޅިވަރު ހަރަކާތްތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުއްޓައިލުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.
އިޓަލީގެ އިތުރުން ސްޕެއިންގެ ވެލެންސިއާގެ ކުޅުންތެރިންތަކަކާއި އިނގިރޭސިވިލާތުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ކުޅުންތެރިޔަކުވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ޔޫރަޕުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ކުރިން މިއަހަރު ބާއްވަން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަަަހަރު ބޭއްވުމަށް މިހާރު ވަނީ ނިންމައިފައެވެ.