ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 22:50
ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ
ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ
ގެޓީ އިމޭޖަސް
ކޮރޯނާވައިރަސް (ކޮވިޑް-19)
ކޮރޯނާވައިރަހުން އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭގެ ދީލަތި އެހީއެއް
މާނޭ ވަނީ 45،000 ޔޫރޯ ހަދިޔާކޮށްފައި

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން އަމިއްލަ ގައުމު ދިފާއުކުރުމަށް ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ދީލަތި އެހީއެއް ދީފިއެވެ.

މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. އޭގެ އިތުރަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން އެ ގައުމުގެ ރައްޔިތުންނަށް ހިތްވަރުދީ ހާއްސަ މެސެޖެއްވެސ ދީފައެވެ. އެގޮތުން މިދިޔަ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާނޭ ބުނީ މި ހާލަތުން އަރައިގަތުމަށް ހުރިހާ އެންމެން އެކުވެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މި ވައިރަހުން ސަލާމަތްވުމަށް އިދާރާތަކުން ދޭ އިރުޝާދާއި އެއްގޮތައް އަމަލުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރި ވެފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އިން އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭ ދީލަތި އެހީއެއް ވިއިރު، މީގެ ކުރިންވެސް އޭނާ ވަނީ އަމިއްލަ ގައުމަށް އެކި ގޮތްގޮތުން އެހީތަށް ދީފައެވެ. އެގޮތުން މާނޭގެ ޚަރަދުގައި އެ ގައުމުގައި ހޮސްޕިޓަލްތަކާއި ސްކޫލްތައް ވަނީ ގާއިމުކޮށްފައެވެ.

މާނޭގެ އިތުރުން ކޮރޯނާވައިރަސް (ކޮވިޑް-19) އިން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިން އަންނަނީ ނަސޭހަތްތެރިވަމުންނެވެ. އެގޮތުން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އާޖެންޓީނާގެ ލިއޮނެލް މެސީ އަދި ފްރާންސްގެ ޕައުލް ޕޮގްބާވެސް މީގެ ކުރިން ވަނީ ސަޕޯޓަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މެސެޖުތައް ނެރެފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 194،584 އަށް އަރައިފައެވެ. އަދި މި ބަލީގައި 7،892 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް